ޚަބަރު

ފީއަލި ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ފ.ފީއަލި ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

މި މަޝްރޫޢުގެ ދަށުން ފ.ފީއަލީގައި 13.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1606 މީޓަރުގެ ރިވެޓްމެންޓާއި، 30 މީޓަރުގެ 5 ގްރޮއިން ޤާއިމުކުރުންވެސް މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ. 66.8 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ، މި މަސައްކަތް ނިންމުމަށްޓަކައި 450 ދުވަހުގެ މުހުލަތެއް ދެވިފައިވާ މަޝްރޫޢެކެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ އެއް މައްސަލައެވެ.

ބިން ފުރި ގޯތި ދޫ ނުކުރެވޭ ޙާލަތުގައި އޮތް ކިތަންމެ ރަށެއް ރާއްޖޭގައި މިހާރުވެސް އެބައޮތެވެ. އެގޮތުން ފ. ފީއަލި އަކީ އާބާދީގައި 1،263 މީހުން ދިރިއުޅޭ ރަށެކެވެ. ބިމުގެ ބޮޑުމިނަށް ބަލާއިރު 13.8 ހެކްޓަރުގެ މި ރަށަކީ ބޯހިޔާވަހިކަމުގެ ދަތިކަން އޮތް ރަށެކެވެ.