ޚަބަރު

އީރާނުގެ ނިޔުކްލިޔަރ މައްސަލަ ޙައްލުކުރުމަށް ވަޤުތު ކުޑަތަންވެއްޖެ: ޖަރުމަންވިލާތް


އީރާނުގެ ނިޔުކްލިޔަރ މައްސަލަ ޙައްލުކުރުމަށް ވަޤުތު ކުޑަތަންވެއްޖެކަމަށް ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު އެނާލީނާ ބެއައިބޮކް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ލިވަޕޫލުގައި ކުރިޔަށްދާ ޖީ7ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބެއައިބޮކް ވިދާޅުވީ ވަޤުތު ފާއިތުވުމުގެ ކުރިން އީރާނުގެ ނިޔުކްލިޔަރ މައްސަލައަށް ޙައްލެއް ގެނައުމަށް އެއްބަސްވާން ޖެހޭކަމަށެވެ. އެ ގޮތުން 2015ވަނަ އަހަރު އީރާނުން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމަށް އެނބުރި ރުޖޫޢަވުމަށް ފާއިތުވި ދުވަސްތަކުގައި ކުރި މަޝްވަރާތަކުން އެދެވޭ ކުރިއެރުމެއް ނުލިބޭކަމަށް ބެއައިބޮކް ފާހަގަކުރެއްވިއެވެ. އަދި ފަސް މަސްދުވަހަށްފަހު މަޝްވަރާތައް ފެށި ނަމަވެސް އީރާނުން ގެންގުޅޭ ވިސްނުންތަކުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނިޔުކްލިޔަރ މައްސަލަ ޙައްލުކުރުމަށް ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކުން ޢަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން އެމެރިކާއިން އިސްވެ އެ ޤައުމުތަކުގެ މެދުގައި މަޝްވަރާތަކެއްވަނީ ކޮށްފައެވެ. އެ ގޮތުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއެކު ބޭއްވެވި މަޝްވަރާތައް ކާމިޔާބުކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންވަނީ ވިދާޅުވެފައެވެ. އަދި އީރާނުގެ ނިޔުކްލިޔަރ މައްސަލަ ޙައްލުކުރުމަށް ޖީ7ގެ ޤައުމުތައް އޮތީ އެކަތިގަނޑެއްގެ ގޮތުގައިކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އީރާނުގެ ނިޔުކްލިޔަރ މައްސަލަ ޙައްލުކުރުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުން ވަކިވެފައެވެ. އެއާއެކު އީރާނުންވަނީ އަނެއްކާވެސް ނިޔުކްލިޔަރ ހަކަތަ އުފެއްދުމަށް ޔުރޭނިޔަން ފައްކާކުރަން ފަށައިފައެވެ. އިރާނުން ބުނެފައިވަނީ ނިޔުކްލިޔަރ ހަކަތަ އުފެއްދުން ހުއްޓާލާނީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުންކަމަށެވެ.

2015ވަނަ އަހަރު އީރާނުން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތުގެ އިތުރުން ބައިވެރިވެފައިވަނީ ރަޝިޔާއާއި ޗައިނާއިންނާއި ވިލާތުގެ އިއްތިޙާދުންނެވެ.