ޚަބަރު

ހުޅަނގު އައްސޭރީގައި ކައުންސިލް އިންތިޚާބު ބާއްވައިފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައިފިއެވެ.

ފަލަސްޠީނުގައި ކައުންސިލް އިންތިޚާބެއް ބާއްވާފައިވަނީ މި އަހަރުގެ ތެރޭގައި ބާއްވަން އޮތް ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ފަހުއެވެ. އަދި އެއީ އެތައް އަހަރެއް ފަހުން ފަލަސްޠީނުގެ ސަރަޙައްދެއްގައި އިންތިޚާބެއް ބޭއްވި ފުަރަތަމަ ފަހަރެވެ. ޢާއްމުކޮށް ކޮންމެ 4 ނޫނީ 5 އަހަރެއްގެ ތެރޭގައި ފަލަސްޠީނުގައި ކައުންސިލް އިންތިޚާބެއް ބާއްވައެވެ. ނަމަވެސް ފަލަސްޠީނުގައި ސިޔާސީ ހަމަނުޖެހުން ބޮޑުވުމުން ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ އިންތިޚާބު ތާވަލާ އެއް ގޮތަށް ބާއްވާފައެއް ނުވެއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ބޭއްވި ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުވަނީ 400،000 މީހުންނަށް ދީފައެވެ. އަދި 154 ދާއިރާއެއްގައި ވޯޓުލުންވަނީ ބާއްވައިފައެވެ. އެ އިންތިޚާބުގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބައިވެރިވެފައެއް ނުވެއެވެ. އެހެންކަމުން ކައުންސިލުގެ ގޮނޑިތައް ކާމިޔާބުކުރާނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ތާޢީދު އޮތް ބޭފުޅުންކަމަށް ބެލެވެއެވެ.

ފަލަސްޠީނުގައި ލޯކަލް ކައުންސިލް އިންތިޚާބެއް ބޭއްވި ނަމަވެސް ހުޅަނގު އައްސޭރީގެ ރާމަﷲފަދަ ބޮޑެތި ރަށްތަކުގައި ވޯޓުލުން ބާއްވާފައެއް ނުވެއެވެ. ރާމަﷲފަދަ ބޮޑެތި ރަށްތަކުގައި ވޯޓުލުން ބޭއްވިނަމަ ޢުމުރުފުޅުން 86 އަހަރުގެ ޢައްބާހަށް އޮތް ތާޢީދު ދެނެގަންނަން ފަސޭހަވީސްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ހުޅަނގުގެ ތާޢީދު އޮންނަ އައްބާސް ފާއިތުވި 10 ވަރަކަށް އަހަރު ވެރިކަންކުރައްވަމުންދަނީ ޚާއްޞަ ޤަރާރެއްގެ ދަށުންނެވެ. ފަލަސްޠީނުގައި އެންމެ ފަހުން ޢާއްމު އިންތިޚާބެއް ބާއްވާފައިވަނީ 2006ވަނަ އަހަރުގެ ތެރޭގައެވެ. އެ އިންތިޚާބު ޙަމާސުން ކާމިޔާބުކުރި ނަމަވެސް ޢައްބާސްވަނީ ވެރިކަން ދޫކޮށްލެވުމަށް ދެކޮޅުހައްދަވައިފައެވެ. އެއާއެކު 2007ވަނަ އަހަރުގެ ތެރޭގައި ޙަމާސުންވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ޣައްޒާ ގެނެސްފައެވެ.