ޚަބަރު

މޯދީގެ ޓުވިޓަރ އެކައުންޓު ހެކުކޮށްފި


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޓުވިޓަރ އެކައުންޓު ހެކުކޮށް ފައިސާގެ މުޢާމާލާތްތަކެއް ކުރުމަށް ޓުވީޓުކޮށްފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ބުނެފައިވަނީ މޯދީގެ ޓުވިޓަރ އެކައުންޓު ހެކުކޮށްފައިވަނީ ކުޑަ ވަޤުތުކޮޅަކަށްކަމަށާއި އެ އެކައުންޓު މިހާރު އަލުން އަނބުރައި ލިބިފައިވާކަމަށެވެ. އަދި އެކައުންޓު ހެކުކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޓުވީޓުތަކަށް އެއްވެސް ސަމާލުކަމެއް ނުދިނަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. ނަމަވެސް އެ އެކައުންޓު ހެކުކޮށްފައިވާ މުއްދަތެއް އެ އިދާރާއިން ބުނެފައެއް ނުވެއެވެ.

ޓުވިޓަރގެ ރަސްމީ އިދާރާއިން ބުނެފައިވަނީ މޯދީގެ ޓުވިޓަރ އެކައުންޓު ހެކުކުރިކަން އެނގުމުން އަޅަން ޖެހުނު ސަލާމަތީ ފިޔަވަޅުތައް އަޅައި އޭނާއަށް އެކައުންޓު އަނބުރައި ހޯދާދީފައިވާނެކަމަށެވެ. އަދި އެ ޙާދިޘާ ތަޙްޤީޤުކުރަމުންދާކަމަށާއި އިތުރު އެކައުންޓެއް ހެކުކުރިކަން އެނގިފައިނުވާކަމަށްވެސް ޓުވިޓަރގެ ރަސްމީ އިދާރާއިން ބުނެފައިވެއެވެ.

2020ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް މޯދީގެ ޓުވިޓަރ އެކައުންޓުވަނީ ހެކުކޮށްފައެވެ. އެ ފަހަރުވެސް ފައިސާ ހޯދުމަށް މޯދީގެ އެކައުންޓުން ޓުވީޓުކޮށްފައިވެއެވެ. ޓުވިޓަރގައި 73 މިލިޔަން މީހުން މޯދީ ފޮލޯކުރެއެވެ.