ކުޅިވަރު

ސްޓަރލިންގެ ލަނޑުން ސިޓީ ލީޑު ދަމަހައްޓައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ވުލްވަރހެމްޓަމް ވޮންޑަރަރސް ބައްދަލުކުރިމެޗްގައި ރަހީމް ސްޓަރލިންގ ކާމިޔާބުކުރި 100 ވަނަ ލަނޑާއެކު ސިޓީ މެޗް ކާމިޔާބުކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި, އާންމުކޮށް ސިޓީގެ ފަރާތުން ފެނިގެންދާ މޮޅުކުޅުންފެނިގެން ގޮސްފައެއް ނުވެއެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ސިޓީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބުވާގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމެން ކައިރި ވެފައިވަނިކޮށް ވުލްވްސްގެ ފޯވަޑް ރައުލް ހިމެނޭޒް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރީނދޫ ކާޑު ދެއްކުމަށްފަހު އެ ޖެހުން ޖަހަން ހުރަސް އެޅުމާއެކު ދެވަނަ ރިނދޫ ކާޑަކާއެކު އޭނާއަށް ރަތް ކާޑު ދެއްކިއެވެ. އެހެންކަމުން މިމެޗްގެ ދެވަނަ ހާފް ވުލްވްސްއިން ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗްގައި ސިޓީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސްޓަރލިންއެވެ.

މިޕެނަލްޓީއަކީ ބެނާޑޯ ސިލްވަރ ނަގައިދިން އުރަހެއް ޖާއޮ މޮއުޓީނިއޯ އަތުގައި ޖެހުނު ކަމަށް ނިންމާ ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި ވީއޭއާރުންވެސް ގިނަ އިރުތަކެއް ބެލުމަށްފަހު މުޅިން ޔަގީން ނުވާތީ ރެފްރީގެ ނިންމުމާއެއްގޮތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ރިޕްލޭއިން ފެންނަނީ އޭނާގެ އަތް ދަށުގައި ޖެހިފައި އަތުގައި ބޯޅަ ޖެހޭތަނެވެ. މިލަނޑު ވެގެން ދިޔައީ ސްޓަރލިންގ ޕްރިމިއަރ ލީގުގައި ކާމިޔާބުކުރި 100 ވަނަ ލަނޑަށެވެ. މިމެޗްގައި ސިޓީއަށް އިތުރު ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބެއް ނުކުރެވުނެވެ. މިމެޗްގައި ސިޓީގެ ގޯލަށް ނުވަދެ ނިންމާލުމާއެކު މިމެޗް ވެފައިވަނީ ސިޓީގެ ކީޕަރ ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލި ސިޓީގެ 100 ވަނަ މެޗައްވެސްމެއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް ވަނީ ކުޅުނު 16 މެޗުން 38 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި ތާވަލްގެ އެއްވަނައިގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާއެކުއެވެ. މިމެޗުން ބަލިވުމުން ވުލްވްސް އުޅެނީ ކުޅުނު 21 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.