ކުޅިވަރު

ޖެރާޑު އެނބުރި އައި މެޗުގައި ލިވަޕޫލް އަތުން ބަލިވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔަބުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗް ވެގެން ދިޔައީ ލިވަޕޫލަށް ވަރަށް ޚާއްސަ މެޗަކަށެވެ. އެއީ އެޓީމުގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ކުޅުން ހުއްޓާލިފަހުން އެނބުރި އެދަނޑަށް އައުމާއި ގުޅިގެންނެވެ. ނަމަވެސް މިފަހަރު ލިވަޕޫލްގެ މީހެއްގެ ބަދަލުގައި ފެނިގެންދިޔައީ އިދިކޮޅު ވިލާ ޓީމްގެ ކޯޗުގެ ހައިސިއްޔަތުންނެވެ. ޖެރާޑްވަނީ ލިވަޕޫލަށް 710 މެޗް ކުޅެދީ 186 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ޖެރާޑް ދަނޑަށް ނިކުތުމާއެކު ލިވަޕޫލްގެ ސަޕޯޓަރުންވަނީ ހޫނު މަރްހަބާއެއް ކިޔާފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ލިވަޕޫލުން ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. މިމެޗްގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މިމެޗް ނިމެން ކައިރި ވެފައިވަނިކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ވިލާގެ ޑެނީ އިންގްސްއަށް ލިބި، އެ ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލަށް މިހާރުވަނީ 16 މެޗުން 37 ޕޮއިންޓް ލިބިފައެވެ. އަދި މިހާރު އުޅެނީ ތާވަލްގެ ދެވަނައިގައެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ. އަދި ވިލާ އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.