ޚަބަރު

މިއަހަރުގެ މެރިން އެކްސްޕޯ މާދަމާ ފަށަނީ


މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރެވުނު "މޯލްޑިވްސް މެރިން އެކްސްޕޯ 2021" މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވާ މިއެކްސްޕޯ މާދަމާއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 ކުރިއަށްދާނެއެވެ.

2014 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި، މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރޭގައި ރާއްޖޭގެ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު އެކްސްޕޯއަށް ޒިޔާރަތްކުރާ ވީހާވެސް ގިނަ ފަރާތްތަކަކަށް ޙިއްސާކުރުން ހިމެނެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މައުލޫމާތުދެއްވަމުން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބު ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ މިއެކްސްޕޯގެ ސަބަބުން އެއް ފުރާޅެއްގެ ދަށުން ތަފާތު ޕްރޮޑަކްޓްތަކާއި އޭގެ މައުލޫމާތު ލިބުމުގެ އިތުރުން އެ ޕްރޮޑަކްޓްތަކުގެ އަގާއި، ކޮލިޓީއާއި ޕްރޮޑަކްޓް ލިބެން ހުންނަތަން މެރިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެނގިގެން ދާނެކަމަށެވެ. މިއިވެންޓްގެ އެންމެ ބޮޑު މަޤްސަދަކީ މެރިން އިންޑަސްޓްރީގެ މާކެޓް ޕްލޭސްއެއް ބޭއްވުން ކަން ހާމަކުރަމުން އިސްމާއީލް ވިދާޅުވީ މި އިވެންޓަކީ ރާއްޖޭގައި ބާއްވާ ހުރިހާ އިވެންޓަކާ އަޅާ ބަލާއިރު އެންމެ އަގުބޮޑު އިވެންޓް ކަމަށެވެ.

" އަޅުގަނޑުމެންގެ މި އެކްސްޕޯގެ ތެރޭގައި އިތުރު، ވަރަށް ރަނގަޅު ޕްރޮޑަކްޓްސްތަކެއް އެބަހުރި ލޯންޗްކުރެވިފަ. މި ޕްރޮޑަކްޓްސްގެ ހައިލައިޓްސްތަކެއްވެސް އެބަދޭ ކުރިއަށް. މީގެ އިތުރުންވެސް ތަފާތު ޕްރޮޑަކްޓްތަކެއް މާކެޓަށް ނެރެން ތައްޔާރުކޮށްފަ އެބަހުރި. " އެކްސްޕޯގެ އިވެންޓް މެނޭޖަރ ޝާމް މުހައްމަދު ބުނިއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ އިންތިޒާމްކުރާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން ބުނީ މިއަހަރުގެ މެރިން އެކްސްޕޯގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށެވެ. އެގޮތުން މޫދު ކުޅިވަރުގެ ފެސްޓިވަލަކާއި، އެމްޓީސީސީ ބޯޓްޔާޑުން ދޭ ޑޮކިންގ އަދި މެރިން ފުޑްސް ދައްކާލުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ އެކްސްޕޯގައި ދިވެހި ކުންފުނިތަކާއި ބޭރު ކުންފުނިތައް ހިމެނޭހެން ޖުމްލަ 50 އެގްޒިބިޓަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ މެރިން އެކްސްޕޯ ބާއްވާފައިވަނީ ވަރޗުއަލްކޮންނެވެ. މިއީ މި އިވެންޓް ކުރިއަށްގެންދާ 7 ވަނަ އަހަރުއެވެ.