ޚަބަރު

ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ ފައިސާގެ ބައެއް ދޫކުރަން ނިންމައިފި


ވޯލްޑު ބޭންކުން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ ފައިސާގެ ބައެއް ދޫކުރަން ނިންމައިފިއެވެ.

އަފްޣާނިސްތާނުގެ އިޤްތިޞާދީ ޙާލަތު ގޯސްވެ އެ ޤައުމުގެ އެތައް މިލިޔަން މީހުންނެއް ބަނޑުހައިހޫނުކަން ތަޙައްމަލުކުރަމުންދާ ދަނޑިވަޅެއްގައި ވޯލްޑު ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާން ރީކޮންސްޓުރަކްޝަން ޓުރަސްޓު ފަންޑުގައި ހުރި ފައިސާގެ ތެރެއިން ބައެއް ދޫކުރަން ނިންމާފައިވާކަމަށެވެ. އެ ގޮތުން ޖުމުލަ 280 މިލިޔަން އެމެރިކާ ޑޮލަރު ދޫކުރަން ނިންމާފައިވާކަން އިޢުލާންކުރަމުން ވޯލްޑު ބޭނުންކުން ބުނެފައިވަނީ އޭގެ ތެރެއިން 180 މިލިޔަން އެމެރިކާ ޑޮލަރު ދޫކުރުމަށް ނިންމާފައިވަނީ ވޯލްޑު ފުޑު ޕުރޮގްރާމަށްކަމަށެވެ. އަދި އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު ޔުނިސެފަށް ދޫކުރުމަށް ނިންމާފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ފާއިތުވި 20 އަހަރުދުވަހު އަފްޣާނިސްތާން އޮތީ ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ފޯރުކޮށްދެމުންދިޔަ އެހީތެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާން ޖަމާޢަތުން އައުމާއެކު އެ ޤައުމަށް ދެމުންދިޔަ އެހީތެރިކަންވަނީ ކަނޑާލައިފައެވެ. އަދި ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ ގިނަ ޢަދަދެއްގެ ފައިސާއާއި މުދާވަނީ ހިފަހައްޓައިފައެވެ. އޭގެ އަގު 9 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ބެލެވެއެވެ.

އދން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ އާބާދީގެ %55ކަމަށްވާ 23 މިލިޔަން މީހުން ތިބީ ބަނޑުހައިހޫނުކަމުގައެވެ. އަދި ބަނޑުހައިހޫނުކަމާއި ހަނަފަސްކަމާއި ފިނި މޫސުމުގެ ސަބަބުން 9 މިލިޔަން މީހުންގެ ފުރާނައަށް ނުރައްކާވެފައިވާކަމަށްވެސް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. އެއާއެކު އަފްޣާނިސްތާނުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އދގެ ވުޒާރާތަކާއި އިދާރާތަކުންވަނީ ފައިސާ ހޯދުމުގެ ޚާއްޞަ ޙަރަކާތްތަކެއް ފަށައިފައެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުންވަނީ އެ ޤައުމުގެ ފައިސާއާއި މުދާ ދޫކުރުމަށް އެތައް ފަހަރަކު ގޮވާލައިފައެވެ. އަދި އެހެން ނޫންނަމަ އެ ކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމުގެ އިންޒާރުވެސް އެ ޖަމާޢަތުންވަނީ ދީފައެވެ.