ކުޅިވަރު

އިތުރު ވަގުތުގައި ޖެހި ލަނޑާއެކު ބްރެންޓްފަޑު ކުރި ހޯދުން


އިންގްލިޝް ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑާއި ވޮޓްފަޑް ބައްދަލުކުރިމެޗް އިތުރު ވަގުތުގައި ޖެހި ލަނޑާއެކު ބްރެންޓްފަޑުން ކުރި ހޯދައިފިއެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމިގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރެންޓްފޯޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހައި ލިޑު ނެގީ ވޮޓްފޯޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމަނުއެލް ޑެނިސްއެވެ. އަދި މެޗް ނިމެން ހަ މިނެޓަށް ވީއިރުވެސް މިމެޗްގައި ކުރީގައި އޮތީ ވޮޓްފޯޑެވެ. ނަމަވެސް މެޗްގެ 84 ވަނަ މިނެޓްގައި ބްރެންޓްފޯޑްގެ ކެޕްޓަން ޕޮންޓަސް ޖެންސަން ޖަހައިދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަވެ އެޓީމަށް ލިބުނު ހިތްވަރުވެސް އިތުރުވިއެވެ. މިގޮތުން ބްރެންޓްފޯޑުން ދެމުންދިޔަ ހަމަލާތައް އިތރުކުރިތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވީ މެޗްގެ އިތުރު ވަގުތުގައި ވޮޓްފޯޑް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ބެރެންޓްފޯޑަށް ޕެނަލްޓީއެއް ލިބުނެވެ. މިޕެނަލްޓީ ކާމިޔާބުކޮށް މިމެޗް ބްރެންޓްފޯޑަށް ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިނީ ބްރަޔަން އެމްބެއުމޯއެވެ.

މިކާމިޔާބީއާއެކު ބްރެންޓްފޯޑަށް މިހާރުވަނީ ކުޅުނު 16 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވޮޓްފޯޑް އުޅެނީ 13 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.