ޚަބަރު

ހޯރަފުށީގައި 25 ޓަނުގެ އައިސްޕްލާންޓެއް ހުޅުވައިފި


ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ހޯރަފުށީ އައިސް ޕްލާންޓްހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާއި ޗަމްޕާ ބްރަދާސްގެ ޗެއަމަން މުޙައްމަދު މޫސާއެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްއެއްގެ ދަށުން ޗަމްޕާ ބްރަދާސްއިން 4.2 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ހޯރަފުށީ އައިސްޕްލާންޓަކީ، ރާއްޖޭގެ އެންމެ އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

މިރަސްމިއްޔާތުގައި މިފްކޯގެ ޗީފް ފައިނޭންސިންގ އޮފިސަރ އިލްޔާސް ހަނީފް ވިދާޅުވީ، މަސްވެރިންނަށް ފަސޭހަ އިންތިޒާމުގެ ތެރެއިން އައިސް ލިބޭނެ އިންތިޒާމް ޤާއިމްކުރުމަކީ ފެންވަރު ރަނގަޅު މަހުގެ ބާވަތްތައް އުފައްދައި ބޭރުކުރުމަށް މުހިއްމުކަމެއްކަމަށެވެ.

މިއަދު ހޯރަފުށީގެ އިތުރުން ގާފަރާއި، މަޑުއްވަރީގެ އިތުރުން ފެލިވަރުގައިވެސް އައިސް ޕްލާންޓެއް ހުޅުވިފައިވާއިރު، މިއާއެކު މިފްކޯއިން ބަލަހައްޓާ އައިސްޕްލާންޓްތަކުގެ އަދަދު 17 އިތުރުވެފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި މިހާރު އައިސްޕްލާންޓްތައް ޤާއިމްކުރަނީ އައު ކޮންސެޕްޓަކަށްކަމަށް އިލްޔާސް ހަނީފް ވިދާޅުވިއެވެ.

"އަލަށް ހުޅުވުނު އައިސްޕްލާންޓްތަކާއެކު މުޅި ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ޤާއިމްކުރެވިފައިވާ އައިސް ޕްލާންޓްތަކުން އުފެއްދޭ އައިސްގެ ޖުމްލަ ޢަދަދު 830 ޓަނަށް އިތުރުވެގެންދާނެ. މިހާރު ގާއިމްކުރަނީ ކުރިއަށްވުރެ ފެންވަރު ރަނގަޅު އައިސް އުފެއްދުމުގެ ޤާބިލުކަން އިތުރު އައިސް ޕްލާންޓްތަކެއް" ހަނީފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަަޙްމަދު ސަލީމް ވިދާޅުވީ، ކުރިން ރާއްޖޭގެ ކަނޑުތަކުން ލިބޭ މަންފާ އެންމެ ރަނގަޅުގޮތުގައި ލިބިގަތުމަށް ކައިރި ޤައުމުތަކުގެ ބައެއްގެ ދަތިތައް ފޯރިކަމަށާއި، ނަމަވެސް މިއަދު ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ރާއްޖެއަށް އެހީތެރިވަނީވެސް އެ ޤައުމުތަކުންކަމަށެވެ. އަދި މިއީ ޤައުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ފަރާތުން ރާއްޖެއާމެދު ގެންގުޅުއްވާ ސިޔާސަތުތަކުގެ ކާމިޔާބީކަމަށް ސަލީމް ވިދާޅުވިއެވެ.

މަސްވެރިންގެ ހިއްވަރާއި މަސައްކަތުގެ އަގުވަޒަންކުރައްވައި ވާހަކަފުޅުދައްކަވަމުން ސަލީމް ވިދާޅުވީ މަސްވެރިންނަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ބޮޑު ހާދިސާއަކާއި ގުޅިގެން ރައްޔިތުންގެ ހައްޤުގައި އިސްސަފަށް ނުކުމެ، މަސައްކަތްކުރައްވާ ހިއްވަރުގަދަ ފަހުލަވާނުންކަމަށެވެ.

މިރަސްމިއްޔާތުގައި މެންބަރު ސަލީމްގެ އިތުރުން ހޯރަފުށީ ކައުންސިލްގެ ރައީސް ވަނީ ރައްޔިތުންގެ ނަމުގައި އައިސް ޕްލާންޓް ޤާއިމްކުރުމަށް ޚަރަދުކޮށްދެއްވީތީ ޗަމްޕާ ބްރާދާސްގެ ޗެއަރމަން މުޙައްމަދު މޫސާއަށް ޝުކުރު ދަންނަވާފައެވެ.

ރާއްޖޭގެ ރަށްރަށުގައި ހުޅިވިގެންދާ އައިސް ޕްލާންޓްތައް މިފްކޯއިން ބަލަހައްޓަމުންދަނީ އެކި ސަރަޙައްދުތަކުގައި ހުންނަ އެކުންފުނީގެ ސިނާޢީ ރަށްރަށުންކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން ހޯރަފުށީގެ އައިސް ޕްލާންޓް ބަލަހައްޓާނީ ފެލިވަރުންނެވެ.

މިރަސްމިއްޔާތުގައި ވަނީ ހޯރަފުށީގައި މިއަހަރު އެންމެ ގިނައިން މަސްބޭނި ދޯނިތަކަށް މިފްކޯއިން ދޭ ހަދިޔާ ހަވާލުކޮށްފައެވެ.