ޚަބަރު

ތައިވާނާ ވަކިވެ ނިކަރަގުއާއިން ޗައިނާއާ އަލުން ގުޅުން ޤާއިމުކޮށްފި


ތައިވާނާ ގުޅުން ކަނޑާލައި ނިކަރަގުއާއިން ޗައިނާއާ އަލުން ގުޅުން ޤާއިމުކޮށްފިއެވެ.

ނިކަރަގުއާއިން ޗައިނާއާ އަލުން ގުޅުން ޤާއިމުކޮށްފައިވަނީ ތައިވާނުގެ މިނިވަންކަމުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ތައިވާނުން މިނިވަންކަމަށް ދަޢުވާކުރި ނަމަވެސް ޗައިނާއިން ޤަބޫލުކުރާ ގޮތުގައި އެއީ ޗައިނާގެ ބައެކެވެ. ނިކަރަގުއާގެ ނިންމުމަކީ ތައިވާނުން މިނިވަންކަމަށް ކުރާ ދަޢުވާއަށް ލިބުނު އުނިކަމެކެވެ. އަދި އެމެރިކާއާ އަވަށްޓެރި ޤައުމަކުން އެ ގޮތަށް ނިންމުމަކީ ތައިވާނުގެ މިނިވަންކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އެމެރިކާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭނެ ކަމެކެވެ.

ފާއިތުވި ދުވަސްތަކުގައި މުސްތަޤިއްލުކަމާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ބައިވެރިވުމަށް ތައިވާނުން ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ. ރައްދުގައި ޗައިނާއިންވަނީ އެ ސަރަޙައްދުގައި އެ ޤައުމުގެ އަސްކަރީ ޙަރަކާތްތައް އިތުރުކޮށް ތައިވާނުން މިނިވަންކަން އިޢުލާންކޮށްފިނަމަ އެ ރަށަށް ޙަމަލާދިނުމަށްފަހު ޗައިނާގެ ބާރުގެ ދަށަށް ގެންނާނެކަމުގެ އިންޒާރު ދީފައެވެ. އަދި އެމެރިކާއިންވަނީ އެ މައްސަލައިގެ ތެރެއަށް ވަދެ ޗައިނާގެ ޙަމަލާއަކުން ތައިވާނު ދިފާޢުކޮށްދޭނެކަމަށް ވަޢުދުވެފައެވެ.

ނިކަރަގުއާއިން ޗައިނާއާ އަލުން ގުޅުން ޤާއިމުކުރިކަން އިޢުލާންކޮށްފައިވަނީ ޗައިނާގެ ޚާރިޖީ ވުޒާރާއިންނެވެ. އެ ގޮތުން އެ ވުޒާރާއިން ބުނެފައިވަނީ ނިކަރަގުއާއިން ޗައިނާއާ އަލުން ގުޅުން ޤާއިމުކުރުމަށް ނިންމާފައިވަނީ ޗައިނާގެ އުތުރުގައި އޮންނަ ތިއާންޖިންގައި ނިކަރަގުއާގެ މާލީ ވަޒީރާއި އެ ޤައުމުގެ ރައީސް ދަނިޔަލް އޯތޭގާގެ ދެ ދަރިކަލުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހުކަމަށެވެ. ނިކަރަގުއާއިން ޗައިނާއާ އަލުން ގުޅުން ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައި ފޮޓޯއާއި ވީޑިޔޯ ޢާއްމުކުރުމަށްފަހު ޗައިނާއިން ބުނެފައިވަނީ ނިކަރަގުއާއިން ނިންމާފައިވަނީ އެންމެ ރަނގަޅު ނިންމުންކަމަށެވެ.

ނިކަރަގުއާއިން ޗައިނާއާ އަލުން ގުޅުން ޤާއިމުކުރުމުން އެމެރިކާއިން ހިތްހަމަނުޖެހުން ފައުޅުކޮށް ބުނެފައިވަނީ އެ ނިންމުމަކީ ނިކަރަގުއާގެ ރައްޔިތުން އެދޭ ގޮތް ނޫންކަމަށާއި ނިކަރަގުއާގައި އޮތީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް ނޫންކަމަށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ތައިވާނާ ގުޅުން ޤާއިމުކޮށްފައިވަނީ ދުނިޔޭގެ އެންމެ 14 ޤައުމަކުންކަމަށާއި އެ ޤައުމުތަކުން ތައިވާނާ ގުޅުން ޤާއިމުކޮށްފައިވަނީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުންކަމަށެވެ.