ޚަބަރު

2021ވަނަ އަހަރު ރެކޯޑު ޢަދަދެއްގެ ނޫސްވެރިން ޖަލުގައި ބަންދުކުރި


2021ވަނަ އަހަރުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ ނޫސްވެރިން ޙައްޔަރުކޮށް ޖަލުގައި ބަންދުކުރިކަމަށް އަމިއްލަ ޖަމުޢިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕުރޮޓެކްޓު ޖަރނަލިސްޓްސް، ސީޕީޖޭން ބުނެފިއެވެ.

އަހަރަކު އެއް ފަހަރު ސީޕީޖޭން އެކުލަވާލައި ޢާއްމުކުރައި ދިރާސީ ރިޕޯޓުގައި ބުނެފައިވަނީ މި އަހަރުގެ ޑިސެންބަރު މަހުގެ 1ވަނަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ އެކި ޤައުމުތަކުގައި 293 ނޫސްވެރިން ޖަލުގައި ބަންދުކޮށްފައިވާކަމަށެވެ. ސީޕީޖޭން ބުނެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި 24 ނޫސްވެރިން މަރާލާފައިވާކަމަށެވެ. އަދި ގޮތް ނޭނގޭ ގޮތަކަށް އިތުރު 18 ނޫސްވެރިން މަރުވެފައިވާކަމަށްވެސް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ.

އެމެރިކާގައި މަރުކަޒުވެފައިވާ ސީޕީޖޭން ބުނެފައިވަނީ ނޫސްވެރިންނަށް ޢަމާޒުކޮށް ލާއިންސާނީ ޢަމަލުތައް ހިންގަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެ މިނިވަންކަމާއެކު ނޫސްވެރިންގެ މަސައްކަތްކުރުމުގެ ޖާގަ ނުދޭންވެގެންކަމަށެވެ. އަދި 2021ވަނަ އަހަރަކީ ރެކޯޑު ޢަދަދެއްގެ ނޫސްވެރިން ޙައްޔަރުކޮށް ޖަލުގައި ބަންދުކުރި ޖެހިޖެހިގެން ހަވަނަ އަހަރުކަމަށްވެސް އެ ޖަމުޢިއްޔާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސީޕީޖޭން ބުނެފައިވާ ގޮތުގައި އެންމެ ގިނަ ޢަދަދެއްގެ ނޫސްވެރިން ޖަލުގައި ބަންދުކޮށްފައިވަނީ ޗައިނާގައެވެ. އެ ގޮތުން ޗައިނާގައި 50 ނޫސްވެރިންވަނީ ބަންދުކޮށްފައެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އަސްކަރީ ބަޣާވާތެއްކޮށްފައިވާ މިޔަންމާގައި 26 ނޫސްވެރިންވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން މިޞްރުގައި 25، ވިއެތުނާމުގައި 23 އަދި ބެލަރުސްގައި 19 ނޫސްވެރިންވަނީ ޙައްޔަރުކޮށްފައެވެ.