ޚަބަރު

ޖެނެރަލް ބިޕިންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ނިޔު ދިއްލީގައި


އަސްކަރީ ހެލިކޮޕުޓަރެއް ވެއްޓުމުގެ ޙާދިޘާގައި އަވަހާރަވެފައިވާ އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސުޓާފް ޖެނެރަލް ބިޕިން ރަވާތުގެ ޖަނާޒާގައި ރަސްމީ އިއްޒަތުގައި ވެރިރަށް ނިޔު ދިއްލީގައި ބޭއްވުމަށް ނިންމައިފިއެވެ.

އިންޑިޔާގެ ވައިގެ ސިފައިން ބުނެފައިވާ ގޮތުގައި ޖެނެރަލް ބިޕިން ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓިފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫގެ ސައިފަތް ދަނޑެއް ކައިރިއަށެވެ. އެ ޙާދިޘާގައި ޢުމުރުފުޅުން 63 އަހަރުގެ ބިޕިންނާއި އޭނާގެ އަނބިކަނބަލުން މަދޫލިކާ ރަވާތާއި އަސްކަރިއްޔާގެ އިސްވެރިންވަނީ އަވަހާރަވެފައެވެ. އޭގެ ތެރޭގައި ބުރިގޭޑިޔަރ އެލްއެސް ލިޑާއާއި ލެފްޓެނެންޓު ކާނަލް ހަރުޖިންދަރު ސިންގުވެސް ހިމެނިވަޑައިގަންނަވައެވެ.

އިންޑިޔާގެ ވައިގެ ސިފައިން ބުނެފައިވަނީ ހެލިކޮޕުޓަރުގައި 14 މީހުން ދަތުރުކުރިކަމަށާއި އެ ޙާދިޘާގައި ސަލާމަތްވެފައިވަނީ އެންމެ މީހެއްކަމަށެވެ. އަދި އޭނާއަކީ ސިފައިންގެ ކެޕުޓަނެއްކަމަށާއި އޭނާގެ ޙާލު ވަރަށް ދެރަކަމަށާއި އޭނާގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރާކަމަށް އިންޑިޔާގެ ވައިގެ ސިފައިން ބުނެފައިވެއެވެ.

އިންޑިޔާގެ އަސްކަރިއްޔާއިން ވަކިވެވަޑައިގެން ޗީފް އޮފް ޑިފެންސް ސުޓާފުގެ މަޤާމާ ޖެނެރަލް ބިޕިން ޙަވާލުވެވަޑައިގަތީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ އެ މަޤާމު ފުރުއްވި ފުރަތަމަ ބޭފުޅާއެވެ. އަދި އޭނާއަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަރަށް ގާތް ބޭފުޅެކެވެ. އޭނާވަނީ 40އަށްވުރެ ގިނަ އަހަރު އިންޑިޔާގެ އަސްކަރިއްޔާގައި މަސައްކަތްކުރައްވައިފައެވެ.