ޚަބަރު

"ޒީރޯ ޓޮލަރެންސް"އާއެކު ނަޒާހަތްތެރި 3 އަހަރު


ކޮރަޕްޝަނަކީ ވަކި ޤައުމަކަށް، ވަކި މުޖުތަޢުއަކަށް ނުވަތަ ވަކި ސަގާފަތަކަށް ޚާއްސަކަމެއްނޫނެވެ. މިކަމަކީ ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިވެސް އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމާއި ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމާއި ހުރަހެވެ.

ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކަށް ދެވިހިފާފައިވާ ޤައުމުތަކުގައި ރައްޔިތުންގެ މަސްލަޙަތު އިސްނުކުރެވި ޤައުމު އިޤްތިޞާދީ ފުން އަނދަވަޅަކަށް ވެއްޓި، މާލީ އަދި އިޤްތިޞާދީ ދަތިތައް އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހެނީ ޢާންމު ރައްޔިތުންނެވެ.

އެހެން ވެގެންދަނީ، ދައުލަތުގެ މުދަލާއި ފައިސާ ގަވާއިދާ ޚިލާފަށް ނުވަތަ ނާޖާއިޒް ގޮތުގައި ބަޔަކު ބޭނުންކުރުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތާއި ފަސޭހަތަކަށް ހުއްޓުންއަރައި ނުވަތަ ދެވޭ ޚިދުމަތެއްގެ ފެންވަރުވެސް ދަށަށްގޮސް، ތަކެއްޗާއި ތަފާތު އެކިޚިދުމަތްތަކުގެ އަގު އިންތިހާއަށް މައްޗަށްދެެއެވެ. ދިރިއުޅުމުގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިހާހިސާބުން އިޤްތިޞާދީ ޢަދުލުވެރިކަން ނެތިދެއެވެ.

ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު

ސުވާލަކީ ކޮރަޕްޝަން ދިވެހިންގެ ތެރޭގައި ޢާންމު ވެފައިވަނީ ކިހާވަރަކަށްތޯއެވެ. ރާއްޖޭގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ބަލައި ފިޔަވަޅުއެޅުމަށް އުފައްދާފައިވާ، ބެލެނިވެރި ފަރާތަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އެވެ.

އޭސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަހަރު އެކޮމިޝަނަށް ޖުމްލަ 938 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގަިއ ހިމެނެނީ އަމިއްލަ ފަރާތްތަކުން ހުށަހެޅި 729 މައްސަލައަކާއި، ދައުލަތުގެ އިދާރާތަކުން ހުށައެޅި 127 މައްސަލައަކާއި، އޭސީސީން އިސްނަގައިގެން ބަލަން ފެށި 82 މައްސަލައެކެވެ. މީގެ ތެރެއިން އެންމެ ގިނައިން ހުށައަޅަފައިވަނީ ޕްރޮކިއުމަންޓާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 376 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެއެވެ.

ކޮރަޕްޝަންގެ ގެއްލުންތައް ހީނުކުރާހާ ބޮޑެވެ. އެކަމުގެ ގެއްލުން ފެތުރިގެންދަނީ އެންމެންނަށެވެ. އިޤްތިޞާދީ ކުރިއެރުމުގެދުވެލި މަޑުޖެހި ސަރުކާރުގެ އަމުރުކުރުންތަކަށް އިޙްތިރާމްކުރުން ކުޑަވެއެވެ. ސަރުކާރާމެދު ރައްޔިތުންގެ އިތުބާރުކުޑަވެއެވެ. ސަރުކާރަށް ކުރަންޖެހޭ އިޙްތިރާމާއި ޤަދަރު ކުޑަވެއެވެ.

ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަތައް

ކޮރަޕްޝަންގެ ވާހަކަ ދިވެހިންގެ ތެރޭގައިި އެންމެ ގަދައަށް އެންމެ އަޑުހަރުކޮށް ދެވެނުނީ ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ ޢަމަލު ފެންމަތިވެގެންދިޔައީ އެ މުއްދަތުގެ ތެރޭގައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެގެންދިޔައިރު، އެކަން އޮތީ ދައުލަތުގެ އެންމެ މަތިން ފެށިގެން މުޅި ޤައުމުގެ ތެރޭގައި މޫ ލާފައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އެކަނިވެސް އެތައް ބިލިއަން ރުފިޔާއަކަށް އަރައެވެ. ޤައުމުގައި އެތައް ބިޔަ ގިނަ މަޝްރޫޢުތަކެއް ހިންގިނަމަވެސް ދައުލަތަށް އެކަމުން ލިބެންވާ އެންމެ ބޮޑު މަންފާ ލިބިގެން ގޮސްފައިނުވަނީ ކޮންމެ މަޝްރޫޢުއަކާވެސް ކޮރަޕްޝަނާ ގުޅި ލާމެހިފައި އޮތުމެވެ. އެމައްސަލަތައް ބަލައި އެންމެ ރަނގަޅަށް ފިޔަވަޅު އެޅިފައި ނެތުމުންނެވެ. ނަތީޖާއަކީ ގެއްލިގެންދިޔަ ފައިސާ އަދިވެސް ހޯދިފައެއް ނުވުމެވެ.

އެކަމުގެ ސަބަބުން ދައުލަތް ހިންގުމުގެ އިސްސަފުގައި ޝާމިލްވާ ފަރާތްތަކާއި، މުހިންމު އިދާރާތަކާއި ދޭތެރޭ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ގެއްލުނެވެ. ޢަދުލު އިންޞާފުގެއްލި، ރައްޔިތުން މާޔޫސްވެ، މަޑުމަޑުން މުޖުތަމައު ބަލިކަށިވަމުންގޮސް ޢަދުލުވެރިކަން ނެތިގެން ދިޔަކަމަށްވެސް ބައެއް ފަރާތްތަކުން ޤަބޫލުކުރިއެވެ. ދައުލަތުގެ އެތެރޭގައާއި ބޭރުގައިވާ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން ޤާނޫނާ ގަވާއިދުގެ ބޭރުން ކަންކުރުމުގެ ސަބަބުން ކޮރަޕްޝަން މުޖުތަމަޢުއަށް ފެތުރި، ކޮރަޕްޝަނަކީ އާދައިގެ ކަމެއްކަމުގައިބެލެވެން ފެށިކަމަށްވެސް އެފަރާތްތަކުން ދެކުނެވެ.

ނަމަވެސް ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮރަޕްޝަންގެ ކޮންމެ ޢަމަލަކީވެސް އޭގެ ގެއްލުން ރައްޔިތުން އުފުލަންޖެހޭ ކަމެެއްކަމެވެ. ދައުލަތުގެ މިލްކުވެރިކަމަކީ ރައްޔިތުންގެ ޚަޒާނާކަމުގައި ވެފައި، ދައުލަތުގެ މުދަލާފައިސާ ބޭނުންކުރެވެންޖެހޭނީ ޖަވާބާދާރީވާ، ޖަވާބުދާރީ ކުރެވޭ އަދި ދެފުށްފެންނަ އުސޫލުތަކުގެ މަތިންކަމުގައިވާތީއެވެ.

"ޒީރޯ ޓޮލަރެންސް" ސިޔާސަތު

މުޅި ޤައުމުގެ ތެރޭގައި މޫލާފައި އޮތް ކޮރަޕްޝަންގެ ޙާލަތު ބަދަލުކޮށް ނަޒާހަތްތެރި ސަރުކާރެއް ޤާއިމްކޮށްދިނުމުގެ މަޤްޞަދުގައި 2018ގައި އުފެދުނު އައު ސަރުކާރުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

ސަރުކާރު ފެށިގެންދިޔައީވެސް ކޮރަޕްޝަން ހުއްޓުވުމަށް ޚާއްސަ އިސްކަމެއް ދޭން ވައުދުވި ސަރުކާރެއްގެ ގޮތުގައެވެ. އެގޮތުން ކޮރަޕްޝަން ހިންގާ ފަރާތްތަކުގެ މައްސަލަތައް ރިޕޯޓުކުރުމަށް ވިސްލްބްލޯވާ ޕޯޓަލެއް ތައާާރްފކުރިއެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށި ފަހުން ސަރުކާރުގެ ކޮރަޕްޝަން އަމަލުތައް ގިނަވެއްޖެކަމަށް ބައެއް ފަރާތްތަކުން ދެކުނެވެ. ނަމަވެސް އައި ބަދަލަކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދޭން އެދުން އިތުރުވުމެވެ. މައްސަލަ ރިޕޯޓްކުރުން އިތުރުވީ ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާ އެކު ހުށަހެޅޭނެ މަގު ފަހިވެފައި އޮތީމަ އެވެ.

އެގޮތަށް ހުށަހަޅާ ޝަކުވާތަކާ މެދު ތަހުގީގީ އިދާރާތަކުގެ ލަފައަށް ބިނާކޮށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. ޕޯޓަލްއަށް މިހާތަނަށް 1100އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވެއެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގެ އެންމެ ބޮޑު ކުރިއެރުން ރާއްޖެއަށް

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ ތެރޭގައި ގިނަ ކަންކަން އެބަހުއްޓެވެ. އެއް ކަމަކީ ޕްރޮކިއުމަންޓުގެ ކަންތައް މިހާތަނަށް އޮތް ގޮތެވެ. ނަމަވެސް ކޮރަޕްޝަން ނައްތާލުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށައި، ބީލަމުގެ މައްސަލަތައް ބަލައި ކޮމިޓީއެއް އެކުލަވާލައި އެމަސައްކަތް ވެސް މި ސަރުކާރުން ފެށިއެވެ. އަދި އެސްއޯއީ ތަކުގެ ޕްރޮކިއުމެންޓް ގަވާއިދަށް ބަދަލު ގެނައުމާއި ގްރީން ޓެކުހާއި ގްރީން ފަންޑުން ކުރާ ޚަރަދުތައް ހާމަކުރުމަކީ ވެސް މިސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅުތަކެވެ.

އެ ފިޔަވަޅުތަކާއެކު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއިން ވަނީ މީގެ ކުރިން ދުވަހަކުވެސް ލިބިފައިނުވާވަރުގެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ 55 ދަރަޖަ ކުރިއަށްޖެހިލިއިރު، މިއީ މިއިންޑެކްސްގައި މިހާތަނަށް ރާއްޖެއިން ހޯދި އެންމެބޮޑު ކާމީޔާބީއެވެ. 183 ޤައުމުގެ ތެރެއިން ރާއްޖެއަކީ މިލިސްޓުގައި ހިމެނޭ ޤައުމުތަކުން އެންމެ ބޮޑު ކުރިއެރުމެއްވެސް ހޯދި ޤައުމުވެސްމެއެވެ.

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ހިމަނަން ފެށިފަހުން ލިބުނު އެންމެ ބޮޑު ކުރިއެރުން

  • 2020 - 75 ވަނަ / 43 ޕޮއިންޓް
  • 2019 - 130 ވަނަ / 29 ޕޮއިންޓް
  • 2018 - 124 ވަނަ / 31 ޕޮއިންޓް
  • 2017 - 112 ވަނަ / 33 ޕޮއިންޓް
  • 2016 - 95 ވަނަ / 36 ޕޮއިންޓް

ކޮރަޕްޝަން ހުއްޓުވުމުން ފައިދާ އޮތީ ރައްޔިތުންނަށް

ކޮރަޕްޝަންގެ ޢަމަލު މުޖުތަމައުން ފޮހެލުމުން އޭގެ ފައިދާ ކުރާނީ އެންމެންނަށްވެސް އެއްވަރަކަށެވެ. ސަބަބަކީ ކޮރަޕްޝަންގެ ސަބަބުން ގެއްލެނީ ދައުލަތުގެ ފައިސާއަށްވުމެވެ. އެހެން ކަމުން ދައުލަތަށް ގެއްލޭ ފައިސާ ނުގެއްލި އިޢާދަ ކުރެވުމުން އޭގެ ފައިދާ ކުރާނީ ހަމަ ރައްޔިތުންނަށެވެ.

ކޮރަޕްޝަން ހުއްޓުވެން އޮތީ ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާ އަދާކޮށް ކޮރަޕްޝަނާ ދެކޮޅަށް ތެދުވެގެންނެވެ. ދައުލަތުގެ މުއައްސަސާތަކަށް ކޮރަޕްޝަން ހުއްޓުވުމަށް އެއްބާރުލުންދީގެންނެވެ. މައްސަލަތައް ރިޕޯޓްކޮށްގެންނެވެ. ކޮރަޕްޝަނަށް ހުރަސް އެޅެންއޮތް ކޮންމެ ގޮތަކުން ގާނޫން ތަންދިން އެންމެ ފުން މިނަށް ހުރަސް އަޅާށެވެ. ކޮރަޕްޝަނާދެކޮޅަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށް ދެކެމާތޯއެވެ. ހައްލު ކުރެވޭނީ އެހެންނެވެ.