ޚަބަރު

ޣައްޒާ ވަށައި ބޮޑު ފާރެއް ޔަހޫދީން ރާނައިފި


ފަލަސްޠީނުގެ ޣައްޒާ ވަށައިގެން ބޮޑު ފާރެއް ޔަހޫދީން ރާނައިފިއެވެ.

އެންމެ ޒަމާނީ އާލާތްތައް ހިމަނައިގެން ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކާ ޣައްޒާ ވަކިކުރުމަށް ފާރެއް ރާނަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އެ މަޝްރޫޢުގެ ދަށުން ފާރުގެ ބައެއް ބައިތައް ރާނާއި އަނެއް ބައިތަކުގައި ދަގަނޑުދާ ޖަހައި ކެމެރާއާއި ރާޑަރު ހަރުކޮށް ބިންގަރާސް ކޮނެ ބިމު އަޑީގައި ސެންސަރު ހަރުކޮށްފައިވެއެވެ. އުސްމިނުގައި 20 ފޫޓު ހުންނަ ފާރުގައި ޔަހޫދީންވަނީ ރިމޯޓު ބޭނުންކޮށްގެން ޙަމަލާދެވޭނެ ހަތިޔާރުތައްވެސް ހަރުކޮށްފައެވެ.

އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެ ޤައުމުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސް ވިދާޅުވެފައިވަނީ ޣައްޒާ ވަށައިގެން ފާރެއް ރާނާފައިވަނީ އެންމެ ޒާމާނީ ޓެކްނޮލޮގީ ބޭނުންކޮށްގެންކަމަށާއި އެއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢާތުން ޔަހޫދީ އާބާދީތަކަށް ޙަމަލާދިނުމަށް އެޅުނު މުޙިއްމު ހުރަހެއްކަމަށެވެ. އަދި އެ ފާރުގެ ސަބަބުން އިސްރާއީލުގެ ދެކުނުގައި އޮންނަ ޔަހޫދީންގެ އާބާދީތައް ދިފާޢުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޣައްޒާ ވަށައިގެން ފާރެއް ރޭނުމަށް ޔަހޫދީން ނިންމީ ޙަމާސާ ދެކޮޅަށް 2014ވަނަ އަހަރުގެ ތެރޭގައި ކުރި ހަނގުރާމައިގައި އެ ޖަމާޢަތުގެ މުޖާހިދުން ބިންގަރާސް ކޮނެގެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުންނެވެ. 3.5 އަހަރުދުވަހުން ނިންމާލެވުނު މަޝްރޫޢުއަށް ޔަހޫދީންވަނީ ބޮޑެތި ޚަރުދުތަކެއް ކޮށްފައެވެ. އެ ގޮތުން 65 ކިލޯމީޓަރުގެ ދިގުމިން ހުންނަ ފާރު ރޭނުމަށް 140،000 ޓަނުގެ ދަގަނޑު ބޭނުންކޮށްފައިވެއެވެ.

2 މިލިޔަން މީހުން ދިރިއުޅޭ ޣައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2007ވަނަ އަހަރުގެ ތެރޭގައި ޣައްޒާގެ ވެރިކަން ޙަމަސަށް ލިބުމުން މިޞްރާ ގުޅިގެން ޔަހޫދީންވަނީ އެ ސަރަޙައްދު ވައިގެ މަގުންނާއި ކަނޑު މަގުންނާއި އެއްގަމު މަގުން ވަދެ ނުނިކުމެވޭ ގޮތަށް ބަންދުކޮށްފައެވެ. އެއާއެކު ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނާއި އެހީތެރިކަން ލިބެނީ ސަރަޙައްދީ ރޮނގުތައް ހުޅުވުމަށް މިޞްރާއީ ޔަހޫދީން ޙުއްދަދިނުމުން އެކަންޏެވެ.