ޚަބަރު

ނަޖީބުގެ މައްޗަށް ކޮށްފައިވާ ޙުކުމު ބާޠިލެއް ނުކުރި


މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤުގެ މައްޗަށް ކޮށްފައިވާ ޙުކުމު ބާޠިލުކުރަން ނުޖެހޭކަމަށް ކަނޑައަޅައިފިއެވެ.

މެލޭޝިޔާގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތްކަމަށްވާ 1މެލޭޝިޔާ ޑެވެލޮޕުމެންޓު ބަރުހާދު، 1އެމުޑީބީގެ މައްސަލާގައި ނަޖީބުގެ މައްޗަށްވަނީ 12 އަހަރުގެ ޖަލު ޙުކުމަކާއި 50 މިލިޔަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައެވެ. މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަންޕޫރުގެ ހައި ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނަޖީބާ ދެކޮޅަށް ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުންނަވައި މަޤާމުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރައްވައި ޚިޔާނާތާއި ފައިސާ ދޮވުމުގެ ޢަމަލުތައް ހިންގަވާފައިވާކަން ނަޖީބުގެ މައްޗަށް ސާބިތުވާކަމަށެވެ.

އެމެރިކާގެ ރަސްމީ ވުޒާރާތަކާ ގުޅިގެން މެލޭޝިޔާގެ ސަރުކާރުން ހިންގާފައިވާ ތަޙްޤީޤުތަކުން ދައްކައި ގޮތުގައި 4.5 ބިލިޔަން އެމެރިކާ ޑޮލަރަށް ނަޖީބުވަނީ ޚިޔާނާތްތެރިވެވަޑައިގެންފައެވެ. އޭގެ ތެރެއިން 1 ބިލިޔަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ނަޖީބުގެ އަމިއްލަފުޅު ބޭންކް އެކައުންޓުތަކަށެވެ.

ޢުމުރުފުޅުން 68 އަހަރުގެ ނަޖީބުގެ މައްޗަށް ބޮޑެތި ތުޙްމަތުތަކެއް ތަފާތު 5 މައްސަލައެއްގައި އޭނާގެ ދަޢުވާކުރުމަށްވަނީ ނިންމައިފައެވެ. ނަމަވެސް އޭނާގެ މައްޗަށް ދަޢުވާކޮށް ޙުކުމުކޮށްފައިވަނީ ޤާނޫނާއި ޤަވައިދާ ޚިލާފަށް އެސްއާރުސީ އިންޓަނޭޝަނަލުން 10 މިލިޔަން އެމެރިކާ ޑޮލަރު އޭނާގެ ބޭންކް އެކައުންޓަކަށް ޖަމާކުރެއްވި މައްސަލާގައެވެ. އެ ޙުކުމު ޤަބޫލުނުކުރައްވައި އެ މައްސަލަ އިސްތިޢުނާފުކުރެއްވުމުން ކޯޓުން ނިންމާފައިވަނީ ހައި ކޯޓުގެ ޙުކުމު ރަނގަޅުކަމަށާއި އެ ޙުކުމު ބަދަލުކުރަން ނުޖެހޭކަމަށެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި މެލޭޝިޔާގެ ވެރިކަމަށް ނަޖީބުގެ ޔުނައިޓަޑު މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން، ޔޫއެމުއެން އައުމުން އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމުތައް ތަންފީޒުކުރުމުގައި ލުއިތަކެއް ގެންގުޅޭނެކަމަށް ބެލެވެއެވެ.