ޚަބަރު

ޖެނެރަލް ބިޕިން ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓިއްޖެ


އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސުޓާފް ޖެނެރަލް ބިޕިން ރަވާތު ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓިއްޖެއެވެ.

އިންޑިޔާގެ ވައިގެ ސިފައިން ބުނެފައިވާ ގޮތުގައި ޖެނެރަލް ބިޕިން ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓިފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫގެ ސައިފަތް ދަނޑެއް ކައިރިއަށެވެ. އެ ޙާދިޘާގައި ޢުމުރުފުޅުން 63 އަހަރުގެ ބިޕިންނަށް އަނިޔާވެފައިވާކަން އިންޑިޔާގެ ވައިގެ ސިފައިން ކަށަވަރުނުކޮށްދިން ނަމަވެސް ހަސްފަތާލުގައި ފަރުވާދެމުންދާ މީހުންގެ ތެރޭގައި އޭނާވެސް ހިމެނިވަޑައިގަންނަވައެވެ. ބެލެވޭ ގޮތުގައި ހެލިކޮޕުޓަރު ވެއްޓުނީ ދުންފިނީގެ ސަބަބުން ދަތުރުކުރަމުންދިޔަ މަގު ރަނގަޅަށް ނުފެނުމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި 14 މީހުންނާއެކު ހެލިކޮޕުޓަރު ވެއްޓުނީ ޓެމިލް ނާޑޫގައި ހުންނަ އާމީ ޑިފެންސް ސާވިސަސް ކޮލެޖަށް ވަޑައިގަންނަވަނިކޮށެވެ. އެ ހެލިކޮޕުޓަރުގައި ބިޕިންގެ އިތުރުން އޭނާގެ އަނބިކަނބަލުން މަދޫލިކާ ރަވާތާއި އަސްކަރިއްޔާގެ އިސްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ބުރިގޭޑިޔަރ އެލްއެސް ލިޑާއާއި ލެފްޓެނެންޓު ކާނަލް ހަރުޖިންދަރު ސިންގުވެސް ހިމެނިވަޑައިގަންނަވައެވެ.

ޖެނެރަލް ބިޕިން ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓި އަލިފާން ރޯވެފައި / ވީޑިޔޯ: އާރުޓީ

އިންޑިޔާގެ އަސްކަރީ އިސްވެރިން ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓުމުން އޭގައިވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަދި ހެލިކޮޕުޓަރުގެ އެތެރޭގައި ތާށިވި ބައެއް މީހުންވަނީ މަރުވެފައެވެ. ނަމަވެސް މަރުވި މީހުންގެ ތަފްޞީލެއް ނުލިބެއެވެ.

އިންޑިޔާގެ އަސްކަރިއްޔާއިން ވަކިވެވަޑައިގެން ޗީފް އޮފް ޑިފެންސް ސުޓާފުގެ މަޤާމާ ޖެނެރަލް ބިޕިން ޙަވާލުވެވަޑައިގަތީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ އެ މަޤާމު ފުރުއްވައި ފުރަތަމަ ބޭފުޅާއެވެ. އަދި އޭނާއަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަރަށް ގާތް ބޭފުޅެކެވެ. އޭނާވަނީ 40އަށްވުރެ ގިނަ އަހަރު އިންޑިޔާގެ އަސްކަރިއްޔާގައި މަސައްކަތްކުރައްވައިފައެވެ.