ކުޅިވަރު

އަފްޣާންގެ ސްޓައިލް ކުޅުންތެރިންނަށް މިހާރު އިނގޭނެ - ކޯޗު


ކުރިޔަށް އޮތް މެޗަށްވެސް ދިވެހި ޓީމް ނިކުންނާނީ ވަރުގަދަ ކޮންޖެހުމެއްކަމަށް ބަލާ އެކަމަށް ކުރިމަތިލާން ކަމަށް ދިވެހި ޓީމްގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ. އިންޑިޔާގެ ޓްރިވެންޑްރަމްގައި މިހާރު ކުރިޔަށްދާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހު މެޗްގައި އަފްޣާނިސްތާނާއި ދެކޮޅަށް ނިކުތުމުގެ ކުރިން ކޯޗް ހާބަޓް ބުނީ އަފްޣާނިސްތާނު މެޗްވެސް ފަސޭހަކޮށްނުލާނެ ކަމަށެވެ. ކުރީ ދެމެޗާ ޚިލާފަށް ފުރަތަމަ އެގާރައަށް ކުޑަބަދަލެއް އަތުވެދާނެ ކަމަށާއި ޖުމްލަކޮށް ދިވެހި ޓީމް ކުޅޭނީ ވޭތުވެދިޔަ ދެ މެޗްގައިވެސް ކުޅުނު ގޭމްކަމަށެވެ. އަފްޣާނިސްތާން ކުޅޭ ސްޓައިލް މިހާރު ކުޅުންތެރިންނަށް އެނގޭނެކަމަށާއި ކުޅުންތެރިން އެކަން ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ކޯޗް ހާބަޓް ބުންޏެވެ." ޓީމްގެ ފަރިތަކުރުންތަކާއި ހުރިހާކަމެއްވެސް މަދަމާގެ މެޗަށް ވަރަށް ތައްޔާރު. ޚާއްސަކޮށް ޒުވާން ކުޅުންތެރިން ދައްކާ ހިތްވަރު ފާހަގަކުރަން ބޭނުން. ޓީމް ބޭނުންވާ ނަތީޖާ ނެރެނީ އެކުޅުންތެރިންގެ ލަނޑުތަކާއެކު. އެންމެ ހިތްހަމަޖެހޭ ކަމަކީ އެއީ. އަފްޣާނިސްތާނަކީ ވަރުގަދަ ޓީމެއްކަން ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ. އެމީހުންގެ ސިކުނޑި މިހާރު އެވަރަށް ތައްޔާރުވާނެ. " މިއަދު އޮތް ފަރިތަކުރުން ތަކަށްފަހު ޤައުމީ ކޯޗް ރިކީ ހާބަޓް ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުންޏެވެ.ކޯޗް ހާބަޓް ބުނީ ފުރަތަމަ ދެ މެޗް ކާމިޔާބު ކުރިނަމަވެސް އޯވަރ ކޮންފިޑެންސް ނުވާނެ ކަމަށާއި ނަމަވެސް އަފްޣާނިސްތާނާ ދެކޮޅަށް ނިކުންނާނީ އެދެމެޗުން ހިތްވަރު ލިބިގެންކަމަށެވެ. ޓީމް ސެމީފައިނަލުން ޖާގަ ހޯދާފައި އޮތްނަމަވެސް ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ދިއުން އެއީ އެންމެ ބޭނުންވާގޮތް ކަމަށެވެ.ދިވެހިރާއްޖެއާއި އަފްޣަނިސްތާން ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މާދަމާ އިރުއޮއްސި 18:00ގައެވެ.