ޚަބަރު

ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޢުމަރު ނަޞީރަށް ދަޢުވާކުރަނީ


ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހިންގުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރުގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިސް (ޕީޖީ)އަށް ފޮނުވައިފިއެވެ.

ކުށްވެރިންގެ ޙަރަކާތްތައް މޮނިޓަރކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފަށާފައިވަނީ ހޯމް މިނިސްޓަރަކަށް ޢުމަރު ނަޞީރު ހުންނެވިއިރުއެވެ. ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ކިޔާ ކުންފުންޏަކާއެވެ.

އޭސީސީން ވިދާޅުވީ، 2015ވަނަ އަހަރު ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށްކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެމިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ ޢާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ ބޭރުން، އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުންކަމަށް އޭސީސީން ވިދާޅުވިއެވެ.

އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ޙިއްސާދާރުންގެ ތެރޭގައި ހިމެނޭ 4 މީހުންނަކީވެސް ޢުމަރު ނަޞީރުއާ ގާތްގުޅުން އޮންނަ ފަރާތްތަކެއްކަމަށާއި، އޭގެތެރެއިން ދެ ޙިއްސާދާރުންނަކީ ޢުމަރު ނަޞީރުގެ ވިޔަފާރި ޕާޓްނަރުން ކަމަށް އޭސީސީން ވިދާޅުވިއެވެ. އެ މީހުންނަކީ ޢުމަރު ނަޞީރުގެ ކްލޯޒް އެސޯސިއޭޓުންކަމަށްވެސް އޭސީސީން ޕީޖީއަށް ފޮނުއްވި މައްސަލާގައިވެއެވެ. އެހެންކަމުން، ސްޓެލްވާޓަކީ ޢުމަރު ނަޞީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއްކަމަށާއި، ނަމަވެސް، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް ޢުމަރު ނަޞީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަރގެ ގޮތުގައި ޢުމަރު ނަޞީރު ބައިވެރިވެފައިވާކަމަށް އޭސީސީން ޕީޖީއަށް ދައުވާކުރަން ފޮނުވި މައްސަލާގައިވެއެވެ.

ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ޚިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވާކަމަށާ، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް، މަސައްކަތާ ޙަވާލުވާނެ ފަރާތެއް ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައިނުވާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މިމަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ހުއްދައަށް އެދި، އަދި އެފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި ޢުމަރު ނަޞީރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާކަން ތަޙްޤީޤަށް ފާހަގަވެފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާއިޚިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވޭކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

އޭގެއިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ ފަސްސަތޭކަހާސް ރުފިޔާ ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށްކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން އޭސީސީގެ ތަޙްޤީޤަށް އެނގިފައިވާކަމަށްވެސް އޭސީސީން ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން އެނގޭކަމަށްވެސް އޭސީސީން ޕީޖީއަށް ފޮނުއްވި މައްސަލާގައިވެއެވެ.