ޚަބަރު

އަބީގެ އިރުޝާދުގެ ދަށުން އިތިއޮޕިޔާގެ ދެ އަވަށެއް މިނިވަންކޮށްފި


އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް މުޙިއްމު ދެ އަވަށެއް އިތިއޮޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދުގެ އިރުޝާދާއެކު މިނިވަންކޮށްފިއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި އެފްރިކާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމުކަމަށްވާ އިތިއޯޕިޔާގެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ އުތުރުގައި ދިރިއުޅޭ ޓިގުރޭ ދަރިކޮޅުގެ މީހުންނާ ޖެހުނު މައްސަލަތަކަކާ ގުޅިގެންނެވެ. އެ ގޮތުން އިތިއޯޕިޔާއާ ވަކިވެގަތުމަށް މަސައްކަތްކުރާ ޓިގްރައި ޕީޕަލްސް ލިބަރޭޝަން ފުރަންޓު، ޓީޕީއެލްއެފުގެ ފައުޖުތަކާއި އިތިއޮޕިޔާގެ ސިފައިންނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތަކުގައި 2.5 މިލިޔަން މީހުންގެ ގެދޮރު ގެއްލުމުގެ އިތުރުން 9 މިލިޔަން މީހުންވަނީ ޙާލުގައި ޖެހިފައެވެ.

ޓީޕީއެލްއެފުގެ ފައުޖު އިތިއޮޕިޔާގެ ވެރިރަށް އަދިސް އަބާބާއަށް މިޞްރާބު ޖެހުމުން ނޮބެލް ޞުލްޙައިގެ އިނާމު ލިބިވަޑައިގެންފައިވާ ޢުމުރުފުޅުން 45 އަހަރުގެ އަބީވަނީ އެ ޤައުމުގެ އަސްކަރިޔާއާއެކު ހަނގުރާމައިގެ ކުރީސަފަށް ވަޑައިގަންފައެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އިތިއޮޕިޔާގެ އަސްކަރިއްޔާއިންވަނީ ޓީޕީއެލްއެފުގެ ފައުޖުތަކާ ދެކޮޅަށް ކުރިއެރުންތަކެއް ހޯދައިފައެވެ.