ވިޔަފާރިއާއި ހަތިޔާރުގެ އެއްބަސްވުންތަކެއްގައި އިންޑިޔާއާއި ރަޝިޔާ ސޮއިކޮށްފިއެވެ.
ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިން އިންޑިޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ވެރިރަށް ނިޔު ދިއްލީއަށް ވަޑައިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުވުންތަކަށްފަހު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ރަޝިޔާގެ އޭކޭ ބަޑީގެ އެންމެ ފަހުގެ ވައްތަރު އިންޑިޔާގައި އެފެއްދުމަށް ސޮއިކުރެއްވި އެއްބަސްވުމެއް ހިމެނެއެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިޔާއިން 600،000 ބަޑި އުފެއްދުމަށްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ރަޝިޔާއިން އުފައްދާފައިވާ މިސައިލުން ދިފާޢުވުމުގެ ނިޒާމުކަމަށްވާ އެސް400 އިންޑިޔާއަށް ވިއްކުމުގައި ދެމިތިބުމަށްވެސްވަނީ ނިންމައިފައެވެ.
އެމެރިކާއާއެކު އޮންނަ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ރަޝިޔާގެ ރައީސް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވިޔަފާރިއާ ގުޅުންހުރި ގިނަ އެއްބަސްވުންތަކެއްގައިވެސްވަނީ ސޮއިކުރައްވައިފައެވެ. އެ ގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ ވިޔަފާރީގެ އަގު 2025ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 30 ބިލިޔަން ޑޮލަރަށް އިތުރުކުރުމަށްވެސްވަނީ އެއްބަސްވެފައެވެ. ޕުޓިންނާއެކު ރަޝިޔާގެ ދިފާޢީ ވުޒާރާއާއި ޚާރިޖީ ވުޒާރާގެ އިސްވެރިންވެސްވަނީ އިންޑިޔާއަށް ވަޑައިގެންފައެވެ. އެއާއެކު ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ކަންކަމުގައި އެއްބާރުލުން ދިނުމަށް މީގެ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތުވަނީ 2031ވަނަ އަހަރާ ހަމައަށް އިތުރުކޮށްފައެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ޕުޓިންގެ ދަތުރުފުޅާ ގުޅުވައިގެން އެ ޤައުމުން ތަފާތު 28 އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި 2022ވަނަ އަހަރު ނިމުމުގެ ކުރިން ރަޝިޔާއިން އިންޑިޔާއަށް 2 މިލިޔަން ޓަނުގެ ތެޔޮ ވިއްކުމާއި ހުއްޓުމެއް ނެތި ރަޝިޔާއިން އިންޑިޔާއަށް ބޯޓު ދެލި ފޯރުކޮށްދިނުން ހިމެނެއެވެ.
ރަޝިޔާގެ އެންމެ ޒަމާނީ ހަތިޔާރު ގަތުމަށް އިންޑިޔާއިން އެއްބަސްވުމުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކާ އެ ޤައުމުން ކުރިމަތިލާން ޖެހުމުގެ ފުރުޞަތު އޮންނާނެއެވެ. ރަޝިޔާގެ ހަތިޔާރު ގަންނަ ޤައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާއިންވަނީ 2017ވަނަ އަހަރުގެ ތެރޭގައި ޤާނޫނެއް ފާސްކޮށްފައެވެ.