ވިޔަފާރި

މަސްވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ކުރިއެރުމުގެ ނަތީޖާ ދަނީ ފެންނަމުން


މަސްވެރިކަމަކީ ދިވެހިންގެ އިޤްތިޞާދުގައި ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތެކެވެ. ސީދާގޮތުންނާއި ނުސީދާގޮތުން މަސްވެރިކަމުން ފައިދާ ލިބޭ އެތައް އާއިލާއެއް އުޅެއެވެ. ކޯވިޑް19 ގެ ސަބަބުން ރާއްޖެއަށް އާމްދަނީ ލިބޭ އެހެން ސިނާއަތްތަކެއް ބަންދުވިނަމަވެސް ނުހުއްޓި ކުރިއަށްދިޔަ އެއް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތެވެ. ކޯވިޑް19 އަށްފަހު އާމްދަނީ ލިބޭ އެހެން ސިނާއަތްތައް ހުއްޓުމަކަށް އައުމާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މުހިންމުކަން ހާމަވެގެންދިޔައެވެ.

މަސްވެރިކަމުގެ ސިނާޢަތަކީ ދައުލަތަށާއި ރައްޔިތުންނަށް މަންފާ ލިބޭނެ ސިނާޢަތަކަށް ހެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން ގެންދަވަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީވެސް މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދެއްވުމެވެ. މަސްވެރިން ބާނާ މަސް އިސްރާފު ނުވާނެގޮތަކަށް، މަހަށް ހަމައަގު ހޯއްދަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑުކުރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދިން

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ދެވޭނެ އިންތިޒާމު ހަމަޖެއްސުން ނުވަތަ ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާ ހަވާލުކުރުމެވެ. މި ސިޔާސަތުގެ ދަށުން މިސަރުކާރުން މިފްކޯ ހިންގުމާ ހަވާލުވިއިރު މަސްވެރިންގެ އަތުން މަސްގަނެ މަސްވެރިންނަށް މިފްކޯއިން ދޭންޖެހިފައިވާ 39.5 މިލިއަން ރުފިޔާ މަސްވެރިންނަށްދީ ޚަލާސްކޮށްފައިވެއެވެ. މަސްވެރިންނަށް މިއަހަރުގެ މިހާތަނަށް 979 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

މަސްގަނެ އެކްސްޕޯޓްކުރި މިންވަރު އިތުރު

މިދިޔަ އަހަރު ނިމުނު އިރު 49 ހާސް މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ގަނެފައިވާއިރު، މި އަހަރުގެ ތިންވަނަ ކުއަރޓަރ ނިމުނުއިރު 55 ހާސް މެޓްރިކް ޓަނުގެ މަސް ގަނެފައިވެއެވެ. މިއީ މި ފާއިތުވީ 14 އަހަރު ތެރޭގައި އެންމެ ގިނައިން މިފްކޯއަށް މަސްގަނެފައިވާ އަހަރެވެ. އަދި 2020 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއަރޓަރުގެ ނިޔަލަށް ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު 37.9% އަށް ވަނީ އިތުރުވެފައެވެ.

އައިސް ލިބުމަށް ދިމާވި ދަތިކަމަށް ހައްލެއް

މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް އެކި ފޭސް ތަކުގައި މި ސަރުކާރުން ވަނީ ކުރިޔަށްގެންގޮސްފައެވެ. އަދި އޮޕަރޭޝަން ހުއްޓިފައިވާ އައިސްޕްލާންޓްތައް ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ.

އައިސްޕްލާންޓް އެޅުމުގެ މަސައްކަތުގެ ދަށުން ރ.މަޑުއްވަރި އަދި ކ.ގާފަރުގެ އައިސްޕްލާންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، އިތުރު 15 އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫއުތައް ނިމިގެންދާއިރު ޒަނާމުއްސުރެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބިމުގެ މައްސަލައަށް ހައްލެއް ލިބި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށާއި ރަނގަޅަށް ސްޓޯރ ކުރުމުގެ އިތުރުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ކޮލެޓީ ދެމެހެއްޓުމަށް މަގު ފަހިވެގެންދާނެއެވެ.

ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރި

މި ސަރުކާރުން ވަނީ މަސްގަތުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ފެލިވަރުގައި މިވަގުތު ހުރީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓް ނިމިގެންދާއިރު 4000 މެޓްރިކް ޓަނުގެ (މިހާރު ހުރި ކެޕޭސިޓީގެ 8 ގުނަ އިތުރު) އާ ކޮލްޑް ސްޓޯރޭޖްއެއް ފެލިވަރުގައި ޤާއިމުކުރެވޭނެއެވެ. މިވަގުތު ކުރިޔަށްދަނީ ފެލިވަރުގައި އަލަށް ޤާއިމުކުރާ ކޯލްޑް ސްޓޯރޭޖްތައް ބިނާކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.

މީގެ އިތުރުން ކޫއްޑޫ އަދި ކަނޑުއޮތްގިރި ފެސިލިޓީ ތަރައްޤީކުރުމުގެ މަޝްރޫއޫތައް ކުރިޔަށްދެއެވެ. އަދި ގދ. ތިނަދޫ އާއި މ. މުލަކުގައި އާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މަސްވެރިންނަށް ކޯވިޑް19 އާއި ގުޅިގެން އެހީ ދިން

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އެކުލަވާލި އިންކަމް ސަޕޯޓް އެލަވަންސް ސްކީމްގެ ދަށުން އެހީއަށް އެދިފައިވާ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 1,854 ފަރާތަކަށް 39.3 މިލިއަން ރުފިޔާގެ އެހީވަނީ ދީފައެވެ. އަދި މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް އެސް.ޑީ.އެފް.ސީ މެދުވެރިކޮށް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 124 ފަރާތަކަށް ޚާއްޞަކޮށް 219 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވެއެވެ.

ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ވަގުތުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުންކަމަށް ވީހިނދު، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް 541 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް 39.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު، އެމަސައްކަތުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. އަދި އެކަންކަން މަސްވެރިން ދަނީ އުފަލާއެކު ބަލައިގަންނަމުންނެވެ.