ކުޅިވަރު

އަރަބް ކަޕް 2021: ޤަޠަރާއި އޮމާން ކުއާޓާފައިނަލަށް


މިހާރު ޤަތަރުގައި ކުރިޔަށްދާ އަރަބި ކަޕުގެ ކުއާޓާފައިނަލުން ޤަތަރާއި އޮމާން ދަތުރުކޮށްފިއެވެ.
މުބާރާތުގައި ރޭގައިކުޅުނު މެޗުތަކުން ގަތުރު ކުރިހޯދީ ޢިރާޤާ ވާދަކޮށް 3-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގައި ޤަޠަރު ލަނޑުތައް ޖަހާފައިވަނީ ފަހު 10 މިނިޓުގެ ތެރޭގައިއެވެ. ޤަތަރުގެ އަލްބައިތު ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އެޓީމުން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 82ވަނަ މިނެޓުގައެވެ. ލަނޑުޖެހީ އަލްމޯޒް ޢަލީއެވެ. ދެވަނަ ލަނޑު އޭގެ ދެމިނިޓުފަހުން ކާމިޔާބުކޮށްދިނީ އަކްރަމް އަފީފެވެ. ފަހު ލަނޑު އަކުރަމް އަފީފް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ހުސެއިން އަލް ހެއިދޯސްއެވެ.

ހެއިދޯސް މި ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރުވަގުތުގެ ތެރޭގައިއެވެ. މުބާރާތުގެ ކުއާޓާފައިނަލުން ގަތަރު ޖާގަހޯދައިފައިވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. ގުރޫޕް އޭގައި ގަތަރުން ވަނީ ކުޅުނު ތިންމެޗު ވެސް ކާމިޔާބުކޮށް 9 ޕޮއިންޓު ހޯދާފައެވެ. މި ގުރޫޕުގައި އޮމާން ވަނީ ދެވަނަ ޓީމެއްގެ ގޮތުގައި މުބާރާތުގެ ކުއާޓާފައިނަލުން ޖާގަހޯދާފައެވެ.

އޮމާން، ބަހްރެއިން އަތުން މޮޅުވީ 3-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބުކޮށްދިނީ ރާބިޔާ އަލްއަލަވީއެވެ. މެޗުގެ ދެވަނަ ހާފް ފަށައިގެން އޮމާނަށް އިތުރަށް ލީޑު ފުޅާކޮށްދިނީ އަރުޝަދު އަލްޢަލަވީ ޖަހައިދިން ލަނޑުންނެވެ. ފަހު ލަނޑު އޮމާނަށް ކާމިޔާބުކޮށްދިނީ ޚާލިދު އަލްހަޖްރީއެވެ. މި ނަތީޖާއާއެކު އޮމާން ގަދަ އަށެއްގެ ޖާގަ ޔަގީން ކުރީ ކުޅުނު 3 މެޗުން ހޯދި 4 ޕޮއިންޓާއެކުއެވެ. މި ގުރޫޕުގަ ތިންވަނައަށް ދިޔަ ޢިރާޤަށް ދެ ޕޮއިންޓު ލިބުނުއިރު ގުރޫޕުގެ ފުލަށް ދިޔަ ބަޙްރެއިނުން މުބާރާތް ނިންމާލީ އެންމެ ޕޮއިންޓަކާއެކުއެވެ.

މުބާރާތުގެ ގަދަ އަށެއްގައި އޮމާން ވާދަކުރާނީ ޓިއުނީޝިޔާއާއެވެ. ޤަޠަރު ނުކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ.