ކުޅިވަރު

ބިލިއަޑުގެ ފުރަތަމަ ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ފަޔާޒާއި ދީނާއަށް


ފުރަތަމަ ފަހަރަށް ބޭއްވި ޤައުމީ ބިލިއަޑް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ޗެމްޕިއަންކަން ހުސައިން ފަަޔާޒު، އަންހެނުންގެ ޑިވިޝަންގެ ޗެމްޕިއަންކަން ދީނާ އަޙްމަދު ހޯދައިފިއެވެ.

ފިރިހެނުންގެ އެއްވަނަ ޑިވިޝަނުގައި ފަޔާޒު، ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި މުހައްމަދު ސާހިލް ހަމީދު، 11-7 ފްރޭމުން ބަލި ކުރުމަށް ފަހުއެވެ. ފުރަތަމަ ފަހަރަށް ބޭއްވި ޤައުމީ މުބާރާތުގެ ފައިނަލުން އެންމެ ފުރަތަމަ ޖާގަ ހޯދީ ސާހިލެވެ. ފައިނަލްގެ ފަހުޖާގަ ފަޔާޒު ޔަގީންކުރީ އިއްޔެ ހަވީރު ހުސައިން ޝާޒް ބަލި ކުރުމަށް ފަހުއެވެ.

ފިރިހެނުންގެ އެއްވަނަ ޑިވިޝަނުގެ ތިންވަނަ އަކީ ޝާޒެވެ. އަންހެނުންގެ ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ އާމިނަތު އަޒްރާއާއި ދީނާ އަހްމަދެވެ. ދީނާ މެޗު ކާމިޔާބު ކުރީ 7-4 ފްރޭމުންނެވެ. އަންހެނުންގެ ޑިވިޝަނުގެ ތިންވަނަ ހޯދީ މަރިޔަމް ހުދުނާއެވެ.

ފިރިހެނުންގެ ދެވަނަ ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ ޢަލީ ޝާވިންއާއި އައްބާސް ސައިދެވެ. އައްބާސް މެޗު ކާމިޔާބު ކުރީ 11-7 ފްރޭމުންނެވެ. ދެވަނަ ޑިވިޝަންގެ ތިންވަނަ ހޯދީ އިބްރާހިމް ރަޝީދެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ބިލިއާޑް މުބާރާތެވެ. މިމުބާރާތުގެ އިނާމުގެ ގޮތުގައި 150،000ރ. އަށްވުރެ ބޮޑު އަދަދެއް ވަނީ ކަނޑައަޅައިފައެވެ. މިއީ ބިލިއާޑުގެ ހުރިހާ ބާވަތެެއް އެކޮއްގެން ބޭއްވި ފުރަތަމަ ޤައުމީ މުބާރާތެވެ.