ކުޅިވަރު

މިއީ 2008 ގެ ކާމިޔާބު ތަކުރާރުކުރެވޭ ވަރުގެ ޓީމެއް – އަސްއަދު


މިހާރު ޤައުމީ ސްކޮޑްގައި އޮތީ 2008 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރުކުރެވޭ ވަރުގެ ޓީމެއްކަމަށް ރަންމެޑަލް ހޯދި ޓީމްގެ ކެޕްޓަން އަސްއަދު އަބުދުލްޣަނީ ބުނެފިއެވެ. އަސްއަދު ބުނީ އޭރު ތަށި ހޯދީ ވަރަށް ގިނަ އަހަރުތަކަކަށްފަހު، ވަރަށް ގިނަ މަސައްކަތްތަކަކުން ކަމަށެވެ. އެކާމިޔާބީ މިހާރުގެ ޓީމަށްވެސް ހޯދޭނެކަމަށް އަސްއަދު ޤަބޫލުކުރެއެވެ." އެއީ ވަރަށް ގިނަ އަހަރުތަކެއްގެ މަސައްކަތް. ވަރަށް ގިނަ އަހަރުތަކަކަށްފަހު 2008 ގައި ކާމިޔާބުވީ. އޭރު އޮތީ ވަރަށް މޮޅު ޓީމެއް. މިހާރު މިއޮތީ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އޮތް ތަފާތު ޓީމެއް. މަސައްކަތްކޮށްފިނަމަ އެކާމިޔާބީ ހޯދޭނެ. ކޯޗިންގ ސްޓާފުންގެ ޔަޤީންކަން ޓީމާއި މެދު ވަރަށް ބޮޑު. " މިހާރު ޓީމްގެ އެސިސްޓެންޓް ކޯޗު އަސްއަދު ބުންޏެވެ.އަސްއަދުއާއެކު 2008 ގެ ތަށި ހޯދި ސްކޮޑްގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިހާރުގެ ސްކޮޑްގައި ތިބި މުޙީންމު ކުޅުންތެރިންނަކީ ކެޕްޓަން އަޝްފާޤާއި، މިޑްފީލްޑަރ މުޙައްމަދު އާރިފާއި، ކީޕަރ އިމްރާން މުޙައްމަދެވެ. މިހާރުގެ ސްކޮޑްގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ޓީމަށް މުޅިން އާ ކުޅުންތެރިން ހިމެނެއެވެ.ޒުވާން ޓީމަކާއެކު ފުރަތަމަ ދެމެޗު ރާއްޖޭގެ ޓީމް ވަނީ ކާމިޔާބުކޮށްފައެވެ. ޓީމް މިހާރު ވަނީ ސެމީފައިނަލް ކަށަވަރުކޮށްފައެވެ.