ޚަބަރު

ރައީސް ޔާމީންގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނުދިން


ޝަރީޢަތް ނިމެންދެން ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދޭންޖެހޭ ތަނެއް ނެތްކަމަށް ކްރިމިނަކް ކޯޓުން ނިންމަވައިފިއެވެ.

ދައުލަތުން ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހެއްޓުމަށް އެދިފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރި ފައިސާއަށް ޚިޔާނާތްތެރިވި ތުހުމަތުގައި އުފުލާފައިވާ ދައުވާގެ ތެރެއިންނެވެ. މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީލޯންޑްރިން އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

ޕާސްޕޯޓް ހިފެހެއްޓުމަށް ހުށައެޅި މައްސަލާގެ ދިފާއުގައި ވާހަކަ ދައްކަމުން ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ބުނީ ދައުލަތުން ހިފެހެއްޓުމަށް އެދިފައިވާ ރައީސް ޔާމީންގެ ދެ ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ދެ ޕާސްޕޯޓްކަމަށެވެ. އެހެންކަމުން އެތަކެތި ހިފަހައްޓައިގެން ނުކުންނާނެ ނާތީޖާއެއް ނޯންނާނެކަމަށްވެސް ޔާމީންގެ ޤާނޫނީ ޓީމުން ފާހަގަކުރިއެވެ.

މިމައްސަލައިގައި ފަނޑިޔާރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ދަޢުލަތުން ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތައް ދައުލަތުން ގާތުން މޮނީޓަރކުރަމުން ނުދާކަމަށާއި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވުމުން ބޭރަށް ނުފުރުނު ނަމަވެސް ކޮންމެ ވަގުތަކުވެސް ޕާސްޕޯޓު އައުކުރަން އެދެވޭނެ ފުރުސަތު ރައީސް ޔާމީނަށް އޮތުމުން މުއްދަތު ހަމަވެފައި އޮތް ނަމަވެސް ޕާސްޕޯޓް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭކަމަށެވެ.

މިމައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރެއްވުމަށްފަހު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ޤާޞީ ޙަސަން ޝަކީލް ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމަށް ހުށައެޅި ހުށައެޅުމުގައި ރައީސް ޔާމީން ރާއްޖެ ދޫކޮށް ފުރާފާނެކަމަށްބެލެވޭ އެއްވެސް ހެއްކެއް ބަޔާންކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ވުޖޫދުގައި ނެތް ޕާސްޕޯޓެއް ހިފެހެއްޓަންޖެހޭ ޤާނޫނީ ސަބަބެއް އެއްވެސް ސަބަބެއް ނެތްކަމަށެވެ.

އެހެން ނަމަވެސް ރައީސް ޔާމީން ޕާސްޕޯޓު އަލުން ހައްދައި ރާއްޖެއިން ބޭރަށް ފުރަން އުޅޭކަމުގެ އެއްވެސް ހެތްކެއް ލިބިއްޖެނަމަ، ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ ޢަމުރަކަށް އެދުމުގެ ފުރުޞަތު ދަޢުލަތަށް އޮންނާނެކަމަށެވެ.

ފުއްގިރި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ އެރަށް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށް 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ޤަބޫލުކުރައްވާފައިވާކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑަރ ކޮށްފައިވާކަމަށެވެ.

މި މައްސަލާގައި ދައުލަތުން ވަނީ ރައީސް ޔާމީން ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން 1.1 މިލިއަން ޑޮލަރު ދައުލަތަށް ނަގާދިނުމަށް އެދިފައެވެ. އަދި މި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ކްރިމިނަލްކޯޓްގައި ފަށާފައެވެ.