ޚަބަރު

އިންތިޚާބުގެ ކުރިން މޮރިސަންނަށް ބޮޑެތި ސިޔާސީ މައްސަލަތަކެއް


އަންނަ އަހަރު އޮސްޓުރޭލިޔާގައި ބާއްވައި ޢާއްމު އިންތިޚާބުގެ ކުރިން އެ ޤައުމުގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންނަށް ބޮޑެތި ސިޔާސީ މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

އިންތިޚާބުގެ ކުރިން ނަގަމުންދާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައި ގޮތުގައި މޮރިސަންގެ ސަރުކާރަށް އޮތް ތާޢީދުވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އޭގެ އިތުރުން މޮރިސަންގެ ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި މައްސަލަތައް ޖެހި އިންތިޚާބާ ހަމައަށް ވެރިކަންކުރާ އިއްތިޙާދު އޮންނާނެކަމާމެދުވެސްވަނީ ސުވާލު އުފެދިފައެވެ.

އަހަރު ނިމުމުގެ ކުރިން ބާއްވައި ޤާނޫނުހަދާ މަޖިލީހުގެ ބައްދަލުވުންތަކުގައި ސަރުކާރުން ވެފައިވާ ވަޢުދުތަކާ އެއް ގޮތަށް ޤާނޫނުތައް ފާސްކުރެއްވުމަށް މޮރިސަންވަނީ ވަރަށް ބޮޑަށް މަސައްކަތްކުރައްވައިފައެވެ. ނަމަވެސް ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި ވެރިކަންކުރާ އިއްތިޙާދުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ޤާނޫނުހަދާ މަޖިލީހުގެ ޗުއްޓީއަށް ގޮސްފައިވަނީ އެ ޤާނޫނުތައް ފާސްނުކޮށެވެ. މޮރިސަންނަށް ކުރިމަތިވެވަޑައިގަތް އެންމެ އުނދަގޫ އަދި އެންމެ ލަދުވެތިކަމަކީ އޭނާ ފާސްކުރައްވަން ބޭނުންވި ޤާނޫނުތަކަށް އަމިއްލަ ޕާޓީގެ މެންބަރުންވެސް ވޯޓު ނުދިނުމެވެ. އެއާއެކު މެންބަރުން ޗުއްޓީން އައުމަށްފަހުވެސް އިންތިޚާބުގެ ކުރިން މޮރިސަން ފާސްކުރައްވަން ބޭނުންވާ ޤާނޫނުތައް ފާސްކުރެވޭނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ސިޔާސީ ގޮތުން އުނދަގޫ ޙާލަތްތަކާ ކުރިމަތިލެއްވުމަކީ މޮރިސަންނަށް އައުކަމެއް ނޫނެވެ. މީގެ ތިން އަހަރުކުރިން އޭނާ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވީވެސް ޚިޔާލު ހޯދުމުގެ ވޯޓުތަކުން އެދެވޭ ނަތީޖާތަކެއް ނުހޯއްދަވައެވެ. އަންނަ މެއި މަހު ބާއްވައި އިންތިޚާބުގައި މޮރިސަންނަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުގެ އިތުރުން ވޯޓުލާން ނުކުންނަ އަންހެނުންގެ ތާޢީދު ކުޑަވުމަކީ އޭނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ޚާއްޞަކޮށް ޖިންސީ އަނިޔާއާއި ފުރައްސާރައާ ދެކޮޅަށް މޮރިސަން އެދެވޭ ފިޔަވަޅުތަކެއް ނޭޅުއްވުމާއި ސަރުކާރުގެ ތެރޭގައި ތިބި އެފަދަ ޢަމަލުތައް ހިންގާފައިވާ އިސްވެރިން މަޤާމުތަކުން ވަކިނުކުރެއްވުމަކީ އޭނާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.