ކުޅިވަރު

ނެޓްބޯޅައިގެ ފިރިހެނުންގެ ޤައުމީ ތަށި ކުޅުދުއްފުއްޓަށް، އަންހެނުންގެ ތަށި ގްރީންއަށް


ޤައުމީ ނެޓްބޯޅަ މުބާރާތުގެ ފިރިހެނުންގެ ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ)އިން ހޯދައިފިއެވެ.

މިމުބާރާތުގެ އަންހެނުންގެ ޑިވިޝަންގެ ތަށި ހޯދީ ކްލަބް ގްރީން ސްްޓްރީޓްސްއެވެ.

ކޭވައިއާރްސީން ޗެމްޕިއަންކަން ހޯދީ ކްލަބް މެޓްރިކްސްގެ މައްޗަށް ފައިނަލުގައި ކުރިހޯދައިގެންނެވެ. މުބާރާތުގެ ފިރިހެނުންގެ ޑިވިޝަންގެ ފައިނަލް މެޗު ފޯރިގަދަ ކުުޅުމަކަށްފަހު ނިމުނީ، 30-27 އިން ކޭވައިއާރްސީ، މެޓްރިކްސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކޭވައިއާރްސީއަށް ކުޅޭ މުހައްމަދު އަރާޝް އައްސަދެވެ. މުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކީ ކޭވައިއާރްސީގެ ހުސެއިން ސަވީލެވެ. އެންމެމޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކޭވައިއާރްސީގެ ސަވީލް، އަރާޝް، ހުސެއިން ހަލީމް، އަހުމަދު ހުޝާމްގެ އިތުރުން މެޓްރިކްސްގެ އިސްމާޢީލް ފަރުހާން، އިބްރާހީމް އިޔާޒް އަދި އަހުމަދު އަފްޝަން ރަޝާދެވެ.

އަންހެނުންގެ ޑިވިޝަންގެ ފައިނަލް މެޗުގައި ގްރީން ސްޓްރީޓްސްއިން ވާދަކުރީ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ކޭވައިއާރްސީއާ ދެކޮޅަށެވެ. ކޭވައިއާރްސީއާ ބައްދަލުކޮށް ގްރީން ސްޓްރީޓްސް މޮޅުވީ 52-32 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ގްރީން ސްޓްރީޓްސްގެ ޢާއިޝަތު ނާޒިމާއެވެ. ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު ނެޓްބޯޅަ ހަރަކާތްތައް ފެށިއިރު، ފުރަަތަމަ ކުޅުނީ އެސޯސިއޭޝަން ކަޕެވެ، އެއަށްފަހު ޤައުމީ މުބާރާތެވެ.