ކުޅިވަރު

ޔުވެންޓަސް މޮޅުވެ ތާވަލުގެ ފަސްވަނައަށް


އިޓާލިއަން ސެރިއާގައި ޔުވެންޓަސް މޮޅުވެ ތާވަލުގެ ފަސްވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ޖެނޯއާ ދެކޮޅަށްކުޅެ ޔުވެންޓަސް މޮޅުވީ 2-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޔުވެންޓަސްއިން ކާމިޔާބު ކުރީ ލިބުނު ކޯނަރަކުންނެވެ. މިލަނޑު ޖެހީ ޖުއާން ކުއެޑްރާޑޯއެވެ. އޭނާ ނެގި ކޯނަރު ގޮސް ގޯލުގެ ތެރެއަށް ވަންއިރު ބޯޅަ ދިފާއު ކުރުމަށް ޖެނޯއާގެ ކުޅުންތެރިންނަށް މާބޮޑު ކަމެއް ކުރެވުނެ ތަނެއް ނުފެނުއެވެ. މިއީ ކޯނަރަކުން ސެރިއާގައި ލަނޑު ކާމިޔާބުކުރި 8ވަނަ ކުޅުންތެރިޔާއެވެ. ޔުވެންޓަސް މެޗުގެ ލީޑް އިތުރަށް ފުޅާކޯށްދިނީ ޕައުލޯ ޑީބަލާ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކޮއްދިނީ މޗުގެ 82ވަނަ މިނިޓުގައެވެ.

ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ އަންދްރޭ ޗެވްޗެންކޯ ޖެނޯއާގެ ކޯޗުކަމާ ހަވާލުވިފަހުން މިއީ ލަނޑެއް ނުޖެހި އެޓީމުން ނިންމާލި ހަތަރުވަނަ މެޗެވެ. އެންމެފަހުން ޔުވެންޓަސް ވާދަކުރަމުންދާ މުބާރާތްތަކުން އެޓީމުން ކުޅުނު 6 މެޗުގެ ތެރެއިން މިއީ އެޓީމުން ކާމިޔާބުކުރި 5ވަނަ މެޗެވެ. މި ނަތީޖާއެކު ޔުވެންޓަސް ވަނީ ކުޅުނު 16 މެޗުގެ ތެރެއިން 27 ޕޮއިންޓް ހޯދައި ތާވަލުގެ 5ވަނައަށް ކުރިޔަށް ޖެހިލާފައެވެ.

ރޭގެ މެޗުން ބަލިވުމާއެކު ޖެނޯއާ އޮތީ ރެލިގޭޝަން ޒޯނުގައެވެ. ލީގުގައި ކުޅުނު 16 މެޗުން ޖެނޯއާއަށް ލިބުނީ މިހާތަނަށް 10 ޕޮއިންޓެވެ. އެއީ ތާވަލުގެ ފުލުގައި އޮތް ސެލާނިޓާނާއަށް ވުރެ ދެ ޕޮއިންޓު އިތުރު ޢަދަދެވެ.