ކުޅިވަރު

ޤައުމީ ބިލިއާޑް މުބާރާތުގައި އަންހެނުންގެ ފައިނަލުގައި އަޒްރާއާއި ދީނާ


ލިޓަސް ޤައުމީ ބިލިއާޑް މުބާރާތުގެ އަންހެނުންގެ ޑިވިޝަންގެ ފައިނަލަށް އާމިނަތު އަޒްރާއާއި ދީނާ އަޙްމަދު ދަތުރުކޮށްފިއެވެ.

އަޒްރާ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. ދީނާ ބަލިވީ މަރިޔަމް ހުދުނާ އަތުން އެކަންޏެވެ. އެ މެޗުން އޭނާ ބަލިވީ 5-4 ފްރޭމުންނެވެ. އޭނާ ވަނީ ޢާއިޝަތު ޢަލީއާއި ފަޒްނާ އަޙްމަދު ބަލިކޮށްފައެވެ. ފަޒާނާގެ މައްޗަށް ދީނާ ކުރި ހޯދީ 5-2 ފްރޭމުންނެވެ. މަލީޝާގެ މައްޗަށް ކުރި ހޯދީ 5-4 ފްރޭމުންނެވެ. ޢާއިޝަތު ޢަލީގެ މައްޗަށް 5-1 ފްރޭމުންނެވެ. އަޒްރާ ކުޅުނު ފުރަތަމަ މެޗުގައި، ރާއްޖޭގެ ރޭންކިންގެ ދެވަނަ އާމިނަތު ޙަލީމްގެ މައްޗަށް ކާމިޔާބު ހޯދީ ސީދާ ފަސް ފްރޭމުންނެވެ.

ރޭ އޭނާ ކުޅުނު ދެވަނަ މެޗުގައި މަރިޔަމް ހުދުނާ ބަލިކުރީ 5-3 ފްރޭމުންނެވެ. މުބާރާތުގެ ފިރިހެނުންގެ ޑިވިޝަންގެ ފައިނަލުން މުޙައްމަދު ޝާހިލް ޙަމީދު ވަނީ ޖާގަ ހޯދައިފައެވެ. ފައިނަލްގައި އޭނާއާ ދެކޮޅަށް ނުކުންނާނެ ކުޅުންތެރިއެއް ޔަޤީންވަނީ ޙުސައިން ޝާޒް މުޙައްމަދާއި ހުސައިން ފަޔާޒު ކުޅޭ މެޗުންނެވެ.

ފިރިހެނުންގެ ދެވަނަ ޑިވިޝަންގެ ފައިނަލުން ޢަލީ ޝާވިން ވަނީ ޖާގަ ހޯދައިފައެވެ. އޭނާއާ ދެކޮޅަށް ނުކުންނާނެ ކުޅުންތެރިއެއް ފައިނަލްވަނީ އައްބާސް ސަޢީދާއި އިބްރާހީމް ރަޝީދު ކުޅޭ މެޗުންނެވެ. ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ބިލިއާޑް މުބާރާތުގެ އިނާމުގެ ގޮތުގައި 150،000ރ. އަށް ވުރެ ބޮޑު އަދަދެއް ވަނީ ކަނޑައަޅައިފައެވެ.