ކުޅިވަރު

ޕެރަ ބެޑްމިންޓަންގައި އީޝަލް ރާއްޖެ މޮޅުކޮއްދީފި


ބަހްރޭންގައި މިހާރު ކުރިއަށްދާ އޭޝިއާ ޔޫތު ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ބަންގްލަދޭޝްގެ ޝޮރްމީ މޮޒުމަޑާރް ބަލިކޮށް ޕެރަ ބެޑްމިންޓަންގެ އިންޓަނޭޝަނަލް އިވެންޓަކުން، ހައްވާ އީޝަލް ރިޔާޒު ރާއްޖެ އަށް ފުރަތަމަ މޮޅު ހޯދައިދީފިއެވެ.

ބަންގްލަދޭޝްގެ ޝޮރްމީގެ މައްޗަށް އީޝަލް ކާމިޔާބު ހޯދީ ސީދާ ދެ ސެޓުންނެވެ. އޭނާ ސެޓްތައް ގެންދިޔައީ 21-18 އަދި 21-13 އިންނެެވެ. ބަންގްލަދޭޝް ކުޅުންތެރިޔާއާ ދެކޮޅަށް މެޗު ކާމިޔާބު ކުރުމުގެ ކުރިން ވެސް އީޝަލް ވަނީ ރާއްޖޭގެ ތާރީހުން ޖާގަ ހޯދައިފައެވެ. އޭނާ އަކީ އިންޓަނޭޝަނަލް ޕެރަ މަލްޓިސްޕޯޓްސް ގޭމްސްއެއްގައި ބެޑްމިންޓަންއިން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ އެތުލީޓެވެ.

މި އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަ ކުރެވޭ އަހަރެކެވެ. އޮލިމްޕިކްސްގެ ޕެރަ ކެޓަގެރީ ނުވަތަ ޕެރަލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ވާދަކުރިއެވެ. އެ ފުރުސަތު ދިނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ޕެރަ ދުވުމުން ލޯ މެޑަލް ހޯދި މާޒިން އަށާއި އަންހެން ދުވުންތެރިޔާ ފާތިމަތު އަޙްމަދަށެވެ.

ޕެރަ ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ބެޑްމިންޓަން އިން އެކަންޏެވެ. އެ ފުރުސަތު ދިނީ އީޝަލްއަށެވެ. އީޝަލްއަށް ދިން ފުރުސަތުގައި އޭނާ ވަނީ އިންޓަނޭޝަނަލް ޕެރަ އިވެންޓެއްގައި ރާއްޖެއަށް ފުރަތަމަ މޮޅު ހޯދައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ.