ޚަބަރު

3 އަހަރަށްފަހު ހުޅަނގުގެ އިސްވެރިޔަކު ސަޢުދީ ޢަރަބިއްޔާއަށް


ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ސަޢުދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. އެއީ 2018ވަނަ އަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުޤުޖީ އަނިޔާވެރިކަމާއެކު މަރާލިފަހުން އެ ޤައުމަށް ހުޅަނގުގެ އިސްވެރިއެއް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ފަރަންސޭސިވިލާތުގެ ސަރުކާރުން ޤަބޫލުކުރައި ގޮތުގައި ސަޢުދީ ޢަރަބިއްޔާއަކީ މެދުއިރުމަތީގެ މުޙިއްމު ބައިވެރިއެކެވެ. ޚާއްޞަކޮށް މެދުއިރުމައްޗާއި ހުޅަނގު އެފްރިކާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ބައިވެރިވުމާއި އެއްބާރުލުން ފަރަންސޭސިވިލާތަށް ބޮޑެވެ. އަދި ފަރަންސޭސިވިލާތަކީ ސަޢުދީ ޢަރަބިއްޔާއަށް އެންމެ ގިނައިން ހަތިޔާރު ވިއްކައި އެއް ޤައުމެވެ. ނަމަވެސް ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސަޢުދީ ޢަރަބިއްޔާ އިސްވެ އަދާކުރަމުންދާ ދަޢުރުގެ ސަބަބުން އެ ޤައުމަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ފަރަންސޭސިވިލާތަށް ފިއްތުންތަކާ ކުރިމަތިލާން ޖެހެއެވެ. ޔަމަނު މިހާރު ވެފައިވަނީ ދުނިޔޭގައި އެންމެ ބޮޑު އިންސާނީ ކާރިޘާއެއް ކުރިމަތިވެފައިވާ ޤައުމަށެވެ.

ސަޢުދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތާ ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް ޚާޝުޤުޖީ މަރުގެ މައްސަލައިގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށްވަނީ ހިޔަނި އެޅިފައެވެ. ނަމަވެސް އެ މައްސަލައިގައި އެންމެ ބޮޑު ތުޙްމަތެއް ކުރެވޭ ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި މެޚްރޮންވަނީ މަޝްވަރާކުރައްވައިފައެވެ. އެ ގޮތުން އެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް އެ ދެ ބޭފުޅުން ދެއްވާފައިވަނީ އީރާނުގެ ނިޔުކްލިޔަރ މައްސަލައާއި ލުބުނާނުގައި ޙަރަކާތްތެރިވާ ނުފޫޒުގަދަ ހިޒުބުﷲ ޖަމާޢަތާ ގުޅޭގޮތުންނާއި ލުބުނާނަށް ދިމާވެފައިވާ ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތަކާ ގުޅޭގޮތުންނެވެ.