ޚަބަރު

ބަންދުގައި ހުންނެވި މުއްދަތަށްވާ ޢިނާޔަތް ހޯއްދަވަން ރައީސް ޔާމީން އެދިވަޑައިގެންފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލު ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ޢިނާޔަތް ހޯއްދެވުމަށް ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީނަށް ދައުލަތުގެ ބަޖެޓުން ދެމުން އައި ޢިނާޔަތްތައް ކަނޑާލާފައިވަނީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. އެހުކުމް ހައިކޯޓުން ދަމަހައްޓާފައިވަނިކޮށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާޠިލްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ރައީސް ޔާމީންގެ ޖަލުހުކުމް ސުޕްރީމް ކޯޓުން ބާޠިލްކުރުމާގުޅިގެން، އެމަނިކުފާނު ބަންދުގައި ހުންނެވި މުއްދަތަށްވާ ޢިނާޔަތް ހޯއްދެވުމަށް ރައީސް ޔާމިންގެ ޤާނޫނީ ޓީމުން މިދިޔަ ބްރާސްފަތި ދުވަހު ސިޓީއެއް ފޮނުއްވާފައިވާކަމަށެވެ. ނަމަވެސް އެ ސިޓީއަށް އަދި މިނިސްޓްރީން ގޮތެއް ނިންމަވާފައިނުވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާޠިލް ކޮށްފައިވުމުން، ޤާނޫނުގައި ބަޔާންކުރާގޮތަށް އެމަނިކުފާނަށް ޢިނާޔަތްތައް ދެއްވާނެކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ. އެކަމަށް ހަރަދުކުރަނީ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކަމަށްވެސް ފިނޭންސް އިން ވިދާޅުވެއެވެ. ރައީސް ޔާމީންއަށް ލިބެންޖެހޭ އިނާޔަތްތައް ހަމަޖައްސަ ވަން އަންނަ އަހަރުގެ ބަޖެޓުން ޚަރަދުވާނީ 4 މިލިއަން ރުފިޔާއެވެ.

ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ޢިނާޔަތްތައް

  • މާލީ ޢިނާޔަތް – 75،000ރ. (މަހަކު)
  • ދިރިއުޅުއްވާ ތަނުގެ ޚަރަދަށް – 50،000ރ. (މަހަކު)
  • އޮފީސް ހިންގުމުގެ ޚަރަދަށް – 175،000ރ. (މަހަކު)
  • ބޭސްފަރުވާގެ ޚަރަދަށް – 58،333.33ރ. (މަހަކު)

ކުރީގެ ރައީސުންގެ ޤާނޫނުގެ 10ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަގާމުގައ ހުރިއިރު، ޖިނާޢީކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މިގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަަމަކާއި ޢިނާޔަތެއް ނުލިބޭނެ ކަމަށެވެ.

މި އަހަރާށް ފާސްކުރި ބަޖެޓާއި، އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކުރީގެ ރައީސުންގެ ޢިނާޔަތްތައް ދޭން ހިމެނީ ކުރީގެ ރައީސުންގެ ތެރެއިން، އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމާއި މުޙައްމަދު ނަޝީދާއި ޑރ.މުހައްމަދު ވަހީދަށެވެ.

ރައީސް ޔާމީންގެ ޚަރަދުތަކަށް ފައިސާ ބަޖެޓުނުކުރީ، ދެ އަހަރު ވެސް ބަޖެޓު ފާސްކުރިއިރު ޖިނާއީ ކުށެއް ސާބިތުވެ އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވުމުންނެވެ.

މިހާރު އެމްއެންޑީއެފްއިން ވަނީ ރައީސް ޔާމީންނަށް ސެކިއުރިޓީ ހަމަޖައްސަވައިދެއްވާފައެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވީނަމަވެސް، ރ.ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވިކަމަށް ތުހުމަތުކުރޭވޭ މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ. އަދި ވ.އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާވެސް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.