ޚަބަރު

ކޯވިޑް-19 ޖެހިގެން އިންޑިޔާގައި ރެކޯޑު ޢަދަދަކަށް މީހުން މަރުވެއްޖެ


ކޯވިޑް-19 ޖެހިގެން އިންޑިޔާގައި ރެކޯޑު ޢަދަދެއްގެ މީހުން މަރުވެއްޖެއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން އެ ޤައުމުގައި 2,796 މީހުން މަރުވެފައިވާކަމަށް ކަނޑައަޅައިފައެވެ. އެއީ މިދިޔަ ޖުލައި މަހަށްފަހު އެއް ދުވަހުގެ މަތިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެ ވުޒާރާއިން ބުނީ ރެކޯޑު ޢަދަދެއްގެ މީހުން މަރުވިކަމަށް ކަނޑައަޅަން ޖެހުނީ އެ ޤައުމުގެ ދެ ސޫޓޭޓަކުން މަރުވި މީހުންގެ ޢަދަދުތަކަށް ބަދަލުތަކެއް ގެނައުމުންކަމަށެވެ. އެ ގޮތުން ބަލިޖެހިގެން ބިހާރުން އިތުރު 2,426 މީހުންނާއި ކެރަލާއިން އިތުރު 263 މީހުން މަރުވެފައިވާކަމަށްވަނީ އެ ސުޓޭޓުތަކުން ކަނޑައަޅައިފައެވެ.

މިދިޔަ މާރިޗު އަދި އޭޕުރިލް މަހުގެ ތެރޭގައި އިންޑިޔާއަށް ކުރިމަތިވި ބަލިމަޑުކަމުގެ ދެވަނަ ރާޅާއެކު އެ ޤައުމުގައި އެތައް މިލިޔަން މީހުންނަކަށް ބަލިޖެހި އަދި އެތައް ހާސް މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގެ ބައެއް ސުޓޭޓުތަކުން އަދިވެސް ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއާއެކު އެ މުއްދަތުގެ ތެރޭގައި ބަލިޖެހުނު މީހުންނާއި މަރުވި މީހުންގެ ޢަދަދުތަކަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

އިންޑިޔާގައި ޖުމުލަ 34.6 މިލިޔަން މީހުންނަށް ބަލިޖެހި 471،000އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ރަސްމީ ޢަދަދުތަކުން ދެއްކި ނަމަވެސް އަސްލު ޢަދަދުތައް އެއަށްވުރެ އިތުރުވާނެކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.