ޚަބަރު

ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން ނިމުމަކަށް ގެނެވިއްޖެ: ރައީސް


ތެރަޕިއުޓިކް ފަރުވާއަށް މިހާތަނަށް 18.2 މިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށާއި ލާބައަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ ރިވެލި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ލާބަޔަށް އެކި ފަރާތްތަކުން ކުރައްވާ ޚިދުމަތަކީ، އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާ ފުރިހަމަ އަދި އެހާމެ މަތިވެރި ޚިދުމަތްތަކެއްކަމަށެވެ. އެހެން ނަމަވެސް އެ މުހިންމު ޚިދުމަތުގެ އަގު، ދައުލަތުގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ވަޒަންކުރުމަކީ، ކުރަންޖެހޭނެ ކަމެއް ކަމަަށާއި އަދި އެ ޚިދުމަތްތަކަށް ހިތްވަރު ދިނުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން އަންނަ ރިވެލި އެވޯޑްގެ އެންމެ މުހިންމު މަޤްޞަދަކީ، މިދެންނެވި ޚިދުމަތުގެ އަގު ވަޒަންކުރުން. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޤަދަރާއި އިޙްތިރާމް ފާޅުކުރުން.އެހެންކަމުން މިރޭ ރިވެލި އެވޯޑް ޙާޞިލްކުރެއްވި ހުރިހާ ފަރާތްތަކަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މަރުޙަބާ ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައިވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ އާއިލާތައް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް މާ ގިނަކަމަށެވެ. އަދި އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ވެސް ވަރަށް ވަރަށް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފައިކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހެއްގެ ވަޒީފާއަށް އެއްވެސް ބަދަލެއް ނާންނަކަމީ ވަރަށް އުފާކުރާ ކަމެއްކަމަށާއި އަދި ކޯވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، ނުކުޅެދުންތެރިކަން ހުންނަ 25 މީހަކަށް ސަރުކާރުގެ ފަރާތުން މުޅިން އަލަށް ވަޒީފާ ދީފައިވާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ފަށާފައިވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ސަބަބުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރު ވަނީ ހުއްޓުމަކަށް ގެނެވިފައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ސަރުކާރުން މިހާތަނަށް 18.2 މިލިއަން ރުފިޔާ ހަރަދުކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ދެންނެވި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، އަދި 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވުނު. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ.އެނގިވަޑައިގަންނަވާނެ، ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް، ވަރަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާނެ. އެހެން ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަން. އެއްވެސް މިންވަރެއް އުނިނުކޮށް މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަންކަމަށެވެ. އަދި އެކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާ ސަރުކާރުން ހޯދި ކަމަށާއި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު ވަނީ އެކުލަވާލައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭ ގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް އެބަ ގެންނަންޖެހޭކަމަށެވެ. އަދި އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭ ފަދަ ގޮތަކަށް އެ ޕްރޮގްރާމްތައް ބައްޓަންކުރުމަށްކަމަށާއި، އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ޙާޞިލް ކުރެވޭނީ އޭރުންކަމަށް ރައީސް ވިދާޅުވިއެވެ..