ޚަބަރު

އޮމިކްރޯނުގެ ސަބަބުން ކޯވިޑް-19ގެ ހަތަރުވަނަ ރާޅަކާ ދެކުނު އެފްރިކާއިން ކުރިމަތިލަނީ


ދެކުނު އެފްރިކާގައި ހަލުވިކަމާއެކު ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރެއްކަމަށްވާ އޮމިކްރޯން ވޭރިއެންޓު ފެތުރެމުންދާ ދަނޑިވަޅެއްގައި ބަލިމަޑުކަމުގެ ހަތަރުވަނަ ރާޅަކާ އެ ޤައުމުން ކުރިމަތިލާން ޖެހިއްޖެއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ އޮމިކްރޯން ފެނުނީ ދެކުނު އެފްރިކާއިންނެވެ. އެއަށްފަހު ދުނިޔޭގެ އެކި ޤައުމުތަކުން އޮމިކްރޯން ޖެހިފައިވާ މީހުންވަނީ ފެނިފައެވެ. އެއާއެކު ގިނަ ޤައުމުތަކަކުންވަނީ ދެކުނު އެފްރިކާއަށް ދަތުރުކުރުން މަނާކޮށް އެ ޤައުމުން އަންނަ މީހުންނަށް އެ ޤައުމުތަކަށް އެތެރެނުވެވޭނެކަމަށް ނިންމައިފައެވެ.

ދެކުނު އެފްރިކާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އޮމިކްރޯނުގެ ސަބަބުން ގިނަ ޢަދަދެއްގެ ބައެއްގެ ފުރާނަ ނުގެއްލި ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކުން އެ ޤައުމުގައި ދިރިއުޅޭ މީހުން ސަލާމަތްކުރެވޭނެކަމަށް އުއްމީދުކުރާކަމަށެވެ. އެ ގޮތުން ކޯވިޑް-19ގެ ވެކްސިން ޖެހުން މުޙިއްމުކަން ފާހަގަކޮށް އެ ވުޒާރާއިން ބުނެފައިވަނީ ގިނަ ޢަދަދެއްގެ ބަޔަކު ޑޯސްތައް ފުރިހަމަކުރާނަމަ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް ނާޅައި ބަލިމަޑުކަމުގެ ހަތަރުވަނަ ރާޅަކާ ކުރިމަތިލެވޭނެކަމަށެވެ.

ދެކުނު އެފްރިކާގެ ޞިއްޙީ މާހިރުން ބުނެފައިވާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި އޮމިކްރޯން ފެތުރެން ފެށުމުން ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި ޒުވާނުންނަށްވުރެ ބޮޑަށް މުސްކުޅިންނަށް އޮތް ނުރައްކާތެރިކަން ބޮޑުކަމަށެވެ. އެ ޤައުމުގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ އާބާދީގެ %25 މީހުންނެވެ.