ކުޅިވަރު

19 އަހަރުން ދަށުގެ ސާފްޗެމްޕިއަންޝިޕްގައި ބައިވެރިނުވާން އެފްއޭއެމް ނިންމައިފި


މި މަހު ބާއްވާ 19 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބައިވެރި ނުވެ، އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް އާ މުބާރާތެއް ބާއްވަން އެފްއޭއެމުން ނިންމައިފިއެވެ.

މިމަހު 11-22 އަށް ބަންގްލަދޭޝްގައި ބާއްވާ ސާފް މުބާރާތުގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ފީފާއިން ސަސްޕެންޑް ކޮށްފައިވާ ޕާކިސްތާނު ވެސް ބައިވެރި ނުވެއެވެ. ރާއްޖެ އާއި ޕާކިސްތާން ފިޔަވައި ސާކުގެ ބާކީ ފަސް ގައުމުން މުބާރާތުގައި ވާދަކުރެއެވެ. ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއަށް ލުއިދިނުމުން ބޫޓާންގެ ޓީމުން ވެސް ވަނީ މުބާރާތުގައި ބައިވެރިވެފައެވެ.

އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވި ސީނިއާ މެންސް ސާފް ޗެމްޕިއަންޝިޕްގައި ބޫޓާންގެ ޓީމުން ބައިވެރި ނުވީ، އެ ގައުމުގައި އަޅާފައިވާ ލޮކްޑައުން ފިޔަވަޅުތަކާ ގުޅިގެން ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ އޭރު ނެތުމުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ބޫޓާން އާއި ސްރީ ލަންކާއެވެ. ފަސް ޓީމު މުބާރާތުގައި ވާދަކުރާތީ މުބާރާތް ކުރިއަށްދާނީ ލީގުން އުސޫލުންނެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

"ވިމެންސް އިންވިޓޭޝަން ކަޕް" ގެ ނަމުގައި އެފްއޭއެމުން ވަނީ މުބާރާތެއް އިއުލާންކޮށްފައެވެ. މުބާރާތުގައި ޖުމުލަ ހަ ޓީމު ވާދަކުރެއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތަރު ރަށެއްގައި މުބާރާތުގެ މެޗުތައް ކުޅޭނެއެވެ. އެއީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން އަދި ފުވައްމުލައް ސިޓީގައެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާލޭގައެވެ.