ޚަބަރު

އިންޑިއަން އޯޝަން ކޮންފަރެންސްއަށް، ނައިބުރައީސް ޔޫއޭއީއަށް


ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ފުރާވަޑައިގެންފިއެވެ. މި ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 4 އަދި 5 ވަނަ ދުވަހު އަބޫދާބީގައެވެ.


މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގަންނަވާނީ ޝަރަފުވެރި މެހެމާނުގެ ގޮތުގައެވެ. އަދި މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް އިފްތިތާޙު ކުރާނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ.

އައިއޯސީ 2021 ގެ ޝިއާރަކީ "އިކޮލޮޖީ، އިކޮނޮމީ، އެޕިޑެމިކް"އެވެ.

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021، ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ 8 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުއެވެ.