ޚަބަރު

އޮމިކްރޯނާ ދެކޮޅަށް ޕާކިސްތާނުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް


ދުނިޔޭގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެމުންދާ ދަނޑިވަޅެއްގައި ބަލިމަޑުކަމުން ދިފާޢުވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

ޕާކިސްތާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ކޯވިޑް-19ން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން ވެކްސިންގެ ދެވަނަ ޑޯސް ނުޖަހާ މީހުން ދެނެގަތުމަށް އިތުރު 40 މަރުކަޒެއް ޤާއިމުކޮށްފައިވާކަމަށާއި ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށާއި ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް ބޫސްޓަރ ޑޯސެއް ދިނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ

ކޯވިޑް-19އާ ދެކޮޅަށް ޕާކިސްތާނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރި ނަމަވެސް އޮމިކްރޯން އަދި އެ ޤައުމުން ފެނިފައެއް ނުވެއެވެ. ޕާކިސްތާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަން ނިންމީ އޮމިކްރޯނުން އެ ޤައުމުގެ ރައްޔިތުން ރައްކާތެރިކުރުމަށްކަމަށެވެ. އެ ގޮތުން އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއާއި ހޮންގް ކޮންގުން އެ ޤައުމަށް ދަތުރުކުރުން މަނާކުރުން ހިމެނެއެވެ.

220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި 50.7 މިލިއަން މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައެވެ.