ޚަބަރު

އޮމިކްރޯން ޖެހިފައިވާ ބަޔަކު އިންޑިޔާއިން ފެނިއްޖެ


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރެއްކަމަށްވާ އޮމިކްރޯން ވޭރިއެންޓު އިންޑިޔާއިން ފެނިއްޖެއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އޮމިކްރޯން ޖެހިފައިވަނީ ޢުމުރުން 46 އަހަރުގެ ފިރިހެނަކަށާއި 66 އަހަރުގެ ފިރިހެނަކަށްކަމަށެވެ. އެ ދެ މީހުންނަށް ބަލިޖެހުނީ އިންޑިޔާގެ ދެކުނުގެ ސުޓޭޓެއްކަމަށްވާ ކަރުނާޓަކާގައިކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އަދި އެ ދެ މީހުންގެ ހަށިގަނޑުން ބަލީގެ ޢަލާމަތްތައް ކޮންމެވެސް ވަރަކަށް ފެންނަކަމަށް ބުނި ނަމަވެސް އެ ދެ މީހުންގެ ދަތުރުފަތުރާބެހޭ އެއްވެސް މަޢުލޫމާތެއް އެ ވުޒާރާއިން ޢާއްމުކޮށްފައެއް ނުވެއެވެ.

މިދިޔަ އޭޕުރިލް އަދި މެއި މަހުގެ ތެރޭގައި އިންޑިޔާގައި ވަރަށް ބޮޑަށް ކޯވިޑް-19 ފެތުރުނެވެ. އެހެންކަމުން އޮމިކްރޯން ފެތުރެން ފަށައިފިނަމަ އަނެއްކާވެސް ބަލިމަޑުކަމުގެ ނުރައްކާތެރި އިތުރު ރާޅަކާ އެ ޤައުމުން ކުރިމަތިލާން ޖެހޭނެކަމުގެ ބިރުވެރިކަންވަނީ ފެތުރިފައެވެ.

1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ %47 މީހުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 9،700އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 477 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ޖުމުލަ 34.61 މިލިޔަން މީހުންނަށް ބަލިޖެހި 496،000އަށްވުރެ ގިނަ މީހުންވަނީ ބަލިމަޑުކަމުގައި މަރުވެފައެވެ.