ޚަބަރު

ޔޫކްރެއިނުގެ މައްސަލާގައި ނޭޓޯގެ ވަރުގަދަ އިންޒާރެއް ރަޝީޔާއަށް


ޔޫކްރެއިނުގެ މައްސަލާގައި ރަޝިޔާއިން ބާރުގެ ބޭނުންކޮށްފިނަމަ ނަތީޖާ ވަރަށް ހިތިވާނެކަމަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯއިން ބުނެފިއެވެ.

ނޭޓޯގެ ސެކެޓުރީ ޖެނެރަލް ޔެންސް ސުޓޮލްޓެންބާގު ވިދާޅުވީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން އެއްވެސް އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެ ނޫންވެސް ގޮތްގޮތަށް ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާ ކުރިމަތިލާނެކަން އެ ޤައުމަށް އެނގޭނެކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ޙާލަތެއްގައި ރަޝިޔާއިން ކުރިމަތިލާން ޖެހޭނެ ފިޔަވަޅުތައް ނޭޓޯއިން ސާފުކޮށްދީފައިވާނެކަމަށެވެ. އެ ގޮތުން ޔޫކްރެއިންނާ ދެކޮޅަށް ފިޔަވަޅެއް އަޅައިފިނަމަ އެ ކަމުގެ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭނީ ރަޝިޔާއަށްކަން އެ ޤައުމަށް އެނގޭނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ރޫސީވިލާތުގެ ޒަމާނުގައި ޔޫކްރެއިނަކީ ރަޝިޔާގެ ބައެކެވެ. ނަމަވެސް 1990ގެ އަހަރުތަކުގައި ރޫސީވިލާތް ރޫޅުމުން ޔޫކްރެއިނަށް މިނިވަންކަން ލިބުނެވެ. އަދި އެ ޤައުމުންވަނީ ހުޅަނގާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް ވިލާތުގެ އިއްތިޙާދާއި ނޭޓޯގެ މެންބަރުކަން ހޯދުމުގެ މަސައްކަތް ފަށައިފައެވެ. ޔޫކްރެއިނަކީ ރަޝިޔާއާއި ނޭޓޯއާ ދެމެދު އުފެދިފައިވާ ޒަމާންވީ ނުތަނަވަސްކަމުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ޤައުމެވެ.

ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިން ވިދާޅުވެފައިވާ ގޮތުގައި ނޭޓޯގެ މިސައިލުތައް ޔޫކްރެއިނުގައި ބަހައްޓައިފިނަމަ އެ ނިންމުމާ ދެކޮޅަށް ރަޝިޔާއިން ފިޔަވަޅު އެޅުމަށް މަޖުބޫރުވާނެއެވެ. ރައްދުގައި ސުޓޮލްޓެންބާގު ވިދާޅުވީ ނޭޓޯއިން ޔޫކްރެއިންނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެކަމަކީ އެންމެންނަށްވެސް އެނގޭނެކަމެއްކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ރަޝިޔާގެ އަސްކަރީ ފައުޖުތައްވަނީ ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާވެފައެވެ. އެއާއެކު އަވަސް މުޞްތަޤުބަލެއްގައި ރަޝިޔާގެ ޙަމަލާއެއް ޔޫކްރެއިންނަށް ޢަމާޒުވާނެކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް ޔޫކްރެއިންނަށް ޙަމަލާދޭނެކަމަށް ދެކެވޭ ވާހަކަތައް ރަޝިޔާއިންވަނީ ދޮގުކޮށްފައެވެ.