ކުޅިވަރު

މެންޗެސްޓަރ ސިޓީ ޕްރިމިއަރ ލީގު ތާވަލްގެ ދެވަނައަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އެސްޓަން ވިލާ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހައިދިނީ ސިޓީގެ ޑިފެންޑަރ ރުބެން ޑިއާޒްއެވެ. އަދި ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސިޓީގެ ލީޑު ފުޅާކޮށްދިނީ ބެނާޑޯ ސިލްވަރ ޖަހައިދިން ރީތި ލަނޑުންނެވެ.

މިމެޗްގައި ވިލާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ ދެވަނަ ހާފްގެ ކުޅުންފެށިތާ ދެވަނަ މިނެޓްގައި ޖަހައިދިނީ އޮލީ ވޮޓްކިންސްއެވެ. ނަމަވެސް އެޓީމަށް މިމެޗްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ސިޓީއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ސިޓީއަށްވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 14 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. ނަމަވެސް އެއީ އެއްވަނައިގާ އުޅޭ ޗެލްސި އާއި އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ހާމަކުރިގޮތުގައި ސިޓީ އޮތީ މިފަހަރުވެސް ތައްޓަށް ވާދަކުރާ ހާލަތުގައި ކަމަށެވެ. ވިލާއަށް ބަލާލާއިރު އެޓީމް އުޅެނީ ކުޅުނު 14 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.