ކުޅިވަރު

ބިލިއާޑްގެ އެންމެ ބޮޑު މުބާރާތް ފަށައިފި


ބިލިއާޑްގެ އެންމެ ބޮޑު މުބާރާތް ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް ރޭގަ ފަށައިފިއެވެ. ބިލިއާޑް އެސޯސިއޭޝަނުން މީގެ ކުރިން ޤައުމީ މުބާރާތް ބާއްވާފައިވަނީ އެކިބައިބަޔަށް ބަހާލައިގެންނެވެ. އެއީ 8 ބޯލް ޤައުމީ މުބާރާތާއި 10 ބޯލް ޤައުމީ މުބާރާތެވެ. ނަމަވެސް ޤައުމީ މުބާރާތުގެ ހައިބަތުބޮޑުކޮށް އެސޯސިއޭޝަނުންވަނީ ކޯވިޑް-19އަށް ފަހު ޤައުމީ މުބާރާތަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މިފަހަރު މުބާރާތް ކުރިއަށްދަނީ އެކި އިވެންޓްތަކަށް ބަހާލައިގެން އެއް މުބާރާތެއް ގޮތުގައިއެވެ.

ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް ކުރިޔަށްދަނީ ފުރަތަމަ ޑިވިޝަން އަންހެން އަދި ފިރިހެން އިވެންޓެވެ. ފިރިހެންބައި ކުރިއަށްދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ ފުރަތަމަ ޑިވިޝަން އާއި ދެވަނަ ޑިވިޝަނެވެ. ޑަބަލްސް އިވެންޓާއި މިކްސް ޑަބަލްސްއެވެ. މިމުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓެއްގެ ގޮތުގައި ކުރިއަށްދާނީ ޓީމް އިވެންޓެވެ.

މާލޭގައި ގާއިމް ކުރި 12 ބޯޑްގެ މިލިއާޑް ފެސިލިޓީއާއެކު މިހާރު މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނަށް ގިނަ މުބާރާތްތަކެއް ބޭއްވުމުގެ ފުރުސަތުވަނީ ލިބިފައެވެ. މިމުބާރާތައް ތައްޔާރުވުމަށް ކުޅުންތެރިން މިހާރު ފަރިތަކުރުންތައް ފާށާފައިވާއިރު، ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސްގައި 12 ކުޅުންތެރިން ވާދަކުރެއެވެ. ފިރިހެން ފުރަތަމަ ޑިވިޝަން 32 ކުޅުންތެރިންނާއެކު ކުރިއަށްގެންދާއިރު، މުބާރާތް ކުރިއަށްދާނީ 9 ބޯލްސް ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމަށެވެ. މިޑިވިޝަންގައި ވާދަކުރާނީ ނޭޝަނަލް ރޭންކިންގެ ގަދަ 32 ކުޅުންތެރިންނެވެ.

ފިރިހެން ދެވަނަ ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމަށެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައިނުވާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ދެވަނަ ޑިވިޝަންގައި ބައިވެރިވެވޭނެއެވެ. ޤައުމީ މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމަށެވެ.