ކުޅިވަރު

ނައިސް އަތުން ޕީއެސްޖީ އެއްވަރުވުން


ފްރެންޗް ލީގުގައި ޕީއެސްޖީ ނައިސް އަތުން އެއްވަރުވެއްޖެއެވެ. ރޭ ލީގުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީ ލަނޑެއް ނުޖެހި އެއްވަރުވީ ނައިސްއާ ވާދަކޮށެވެ.

ގިނައިރު ބޯޅަހިފަހަށްޓައިގެން ގިނަވަގުތު ޕީއެސްޖީ ކުޅުނު މެޗުގައި ލަނޑުޖަހަން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ކީލިއަން އެމްބާޕޭއަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ނައިސްގެ ކީޕަރު ވޯލްޓާ ބެނިޓޭޒް ވަނީ އެމްބާޕޭ ފޮނުވާލީ ނުރައްކާތެރި ދެހަމަލާއެއް ދިފާއުކޮށްފައެވެ. މިމެޗުގެ ކުރިން ހޯމަދުވަހުގެރޭ ޕީއެސްޖީގެ ފޯވާޑް ލިއޮނަލް މެސީއަށް ލިބުނު ބެލޮންޑިއޯ އެވޯޑާއި އަހަރުގެ އެންމެ މޮޅު ކީޕަރަށް ލިބުނު އެވޯޑް ޕީއެސްޖީގެ ކީޕަރު ޑޮނަރުންމާ ވަނީ ސަޕޯޓަރުންނަށް ދައްކާލާފައެވެ.

މި ނަތީޖާއެކު ކުޅުނު 16 މެޗުން 41 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮލިންޕިކް މާސޭ އޮތީ ކުޅުނު 15 މެޗުން ހޯދި 29 ޕޮއިންޓާއެކުއެވެ. މާސޭއަށް ވުރެ އެއްޕޮއިންޓު މަދުން ހޯދައިން ރޭނެސް ތިންވަނައިގަ އޮތްއިރު ރޭގެ މެޗުން އެއްވަރުވި ނައިސް ހަތަރުވަނައިގަ އޮތީ 16 މެޗުން 27 ޕޮއިންޓާއެކުގައެވެ.