ކުޅިވަރު

13 އަހަރަށްފަހު އަހުސަން ގައުމީ ޓީމަށް ކުޅުން ހުއްޓައިލައިފި


13 އަހަރު ދުވަހު ގައުމީ ވޮލީބޯޅަ ޓީމަށް ކުޅުމަށްފަހު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްލް ބްލޮކަރ މުޙައްމަދު އަހުސަން ޤައުމީ ޓީމުން ރިޓަޔާކޮށްފިއެވެ.

އަހުސަން މިހާރު ވަނީ އެކަން ވީއޭއެމް އަށް ރަސްމީކޮށް އަންގާފައެވެ. މި އުނދަގޫ ނިންމުން އަހުސަން ނިންމީ، ސިއްހީ ހާލަތު ހުރިގޮތުން، ޤައުމީ ލެވެލްގައި މިހާރު އަހުސަންގެ އެންމެ ރަނގަޅު ކުޅުން ދެެއްކޭނެކަމަށް ގަބޫލު ނުކުރެވޭތީއާއި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ކުޅުންތެރިޔާ ވަނީ މައުލޫމާތު ދީފައެވެ.

2008ވަނަ އަހަރު ޖޫނިޔާ ގައުމީ ޓީމުގައި ރާއްޖެ ތަމްސީލު ކުރުމަށްފަހު 2011 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އަހުސަން ވަނީ ސީނިއާ ޤައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްދީފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ވޮލީބޯޅައިގައި ހޯދި ސަރަހައްދީ އެންމެ ބޮޑު ކާމިޔާބީތަކުގައި އަހުސަން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އަހުސަން ޤައުމީ ޓީމުގައި ހިމެނިގެން ކުޅުނު ފުރަތަމަ މުބާރާތަކީ 2011 ވަނަ އަހަރު ސީޝެލްސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ. ގަވާއިދުން ޤައުމީ ޓީމުން ފުރުސަތު ހޯދަމުން އައި އަހުސަން ވަނީ 2013 އާއި 2015 ގައި ރާއްޖޭން ސެންޓްރަލް ޒޯން މުބާރާތުގައި ރިހި މެޑަލް ހޯދި ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ޖުމްލަ 2 ރިހި މެޑަލް އާއި 2 ބްރޯންޒް މެޑަލްއާއި އެކު ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިއިރު، އަހުސަންއަކީ، ރާއްޖޭގެ ވޮލީބޯޅައިގެ ހަޔާތުގައިވެސް ސަރަހައްދީ މުބާރާތެއްގައި އެންމެ މޮޅު މިޑްލް ބްލޮކަރގެ މަގާމު ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ.

އަހުސަން ވަނީ ޤައުމީ ވޮލީ ޓީމުން ސެންޓްރަލް ޒޯން މުބާރާތުގައި ލޯ މެޑަލް ހޯދި ދެ ފަހަރު ވެސް ޓީމަށް ކުޅެފައެވެ. ރާއްޖޭން ދެ ވަނަ ފަހަރަށް ސެންޓްރަލް ޒޯންގައި ލޯ މެޑަލް ހާސިލްކުރީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އަހުސަން ނިންމި ނަމަވެސް، ވޮލީބޯޅައާއި އެއްކޮށް ދުރަށް ދިއުމުގެ ވިސްނުމެއް އަދި ނެތެވެ.