ޚަބަރު

ޗައިނާއަށްފަހު އިންޑިޔާއިންވެސް އެފްރިކާއަށް ވެކްސިން ފޮނުވަނީ


ދުނިޔޭގައި އެންމެ މަދުން ކޯވިޑް-19ގެ ވެކްސިން ޖަހާފައިވާ އެފްރިކާގެ ޤައުމުތަކަށް އިތުރު ޑޯސްތައް ފޮނުވުމަށް ތައްޔާރަށް އޮތްކަމަށް ދުނިޔޭގައި އެންމެ ގިނައިން ވެކްސިނާއި ބޭސް އުފައްދާ ޤައުމުކަމަށްވާ އިންޑިޔާއިން ބުނެފިއެވެ. އެ ޤައުމުން އެހެން ބުނެފައިވަނީ ވާދަވެރި ޗައިނާއިން އެފްރިކާގެ ޤައުމުތަކަށް ކޯވިޑް-19ގެ ވެކްސިންގެ އެއް ބިލިޔަން ޑޯސް ހަދިޔާކުރާނެކަން އިޢުލާންކޮށްފައިވަނިކޮށެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްރިކާގެ ޤައުމުތަކުގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ވޭރިއެންޓު ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާކަމަށެވެ. އިންޑިޔާއިން ބުނީ މިހާތަނަށް އެފްރިކާގެ 41 ޤައުމަކަށް ވެކްސިންގެ 25 މިލިޔަން ޑޯސް ފޮނުވާފައިވާކަމަށެވެ. އެ ގޮތުން ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އިސްވެ ފަށާފައިވާ ކޮވެކްސް މަޝްރޫޢުގެ ދަށުން މަލާވީއާއި އިތިއޮޕިޔާއާއި ޒެންބިޔާއާއި މޮޒަންބީކާއި ގިނީއާއި ލެސޯތޯއިން އެދުނު މިންވަރަށް ވެކްސިންގެ ޑޯސްތައް ފޯރުކޮށްދީފައިވާނެކަމަށް އިންޑިޔާއިން ބުނެއެވެ. ނަމަވެސް އެ ޤައުމުން ފޯރުކޮށްދިން ވެކްސިންގެ ޢަދަދެއް ބުނެފައެއް ނުވެއެވެ. ވެކްސިންގެ އިތުރުން ވެންޓިލޭޓަރުފަދަ ޞިއްޙީ އާލާތްތައްވެސް އިންޑިޔާއިންވަނީ އެފްރިކާއަށް ފޮނުވައިފައެވެ.

އިންޑިޔާގައި ކޯވިޝިލްޑު ވެކްސިންގެ 300 މިލިޔަން ޑޯސް ކޮންމެ މަހަކުވެސް އުފައްދައެވެ. އެ ޤައުމުގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ އެ ޤައުމުގެ 1.4 ބިލިޔަން މީހުންގެ އާބާދީގެ ތެރެއިން %47 މީހުންނެވެ.