ޚަބަރު

ޠާލިބާނުންނާއި މިޔަންމާގެ އަސްކަރީވެރިކަން އދގައި ތަމުޞީލެއް ނުކުރެވޭނެ


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނު ޖަމާޢަތާއި މިޔަންމާގައި އޮތް އަސްކަރީވެރިކަން އދގައި ތަމުޞީލު ނުކުރެވޭނެކަމަށް ކަނޑައަޅަން ނިންމައިފިއެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެންގޮސްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތަށްފަހު އެ ޤައުމުގެ ވެރިކަމާ ޙަވާލުވެވަފައިވަނީ އެ ޤައުމުގެ އަސްކަރީވެރިޔާއެވެ. އެ ދެ ޤައުމުންވެސްވަނީ އދއަށް އައު ސަފީރުން ޢައްޔަންކޮށްފައެވެ. ނަމަވެސް އެ މަޤާމުތަކަށް އެ ޤައުމުތަކުގެ މަދަނީ ސަރުކާރުތަކުން ޢައްޔަންކޮށްފައިވާ ސަފީރުން އަދިވެސް އެބަތިއްބެވެ. އދގެ އެކި ބައްދަލުވުންތަކާއި ޙަފުލާތަކުގައި ބައިވެރިވަނީވެސް އެ ސަފީރުންނެވެ.

އަފްޣާނިސްތާނާއި މިޔަންމާގެ ސަފީރުންގެ މައްސަލަ އެންމެ ބޮޑުވީ އެ ދެ ޤައުމުގެ ފަރާތުން އދގެ ޢާއްމު މަޖިލީހުގައި ތަޤްރީރުކުރާނެ ފަރާތަކާމެދު ސުވާލު އުފެދުމުންނެވެ. އޭރު ޠާލިބާނުންނާއި މިޔަންމާގެ އަސްކަރީވެރިކަމުންވަނީ އދގެ މަޖިލީހުގައި ތަޤްރީރުކުރުމަށް ސަފީރުން ފޮނުވައިފައެވެ. އަދި އެ ދެ ޤައުމުގެ މަދަނީ ސަރުކާރުތަކުން ކުރިން ޢައްޔަންކޮށްފައިވާ ސަފީރުންވެސް ތިބީ ޢާއްމު މަޖިލީހުގައި ތަޤްރީރުކުމަށް ތައްޔާރުވެގެންނެވެ. އެ މައްސަލަ ޙައްލުކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެތީ އދން ނިންމީ ޢާއްމު މަޖިލީހުގައި ތަޤްރީރުކުރުމުގެ ފުރުޞަތު އެ ދެ ޤައުމަށް ނުދިނުމަށެވެ.

އދގައި ތަމުޞީލުކުރާ ޤައުމުތަކުގެ ޙައިސިއްޔަތުފަދަ ކަންކަމުގައި ގޮތް ނިންމަނީ މެންބަރު ނުވަ ޤައުމުގެ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާ ހިމެނެއެވެ. އެއީ ގިނަ ކަންކަމުގައި އެއްގަލަކަށް އަރައި ޤައުމުތަކެއް ނޫނެވެ. ޚާއްޞަކޮށް އަފްޣާނިސްތާނާއި މިޔަންމާގެ މައްސަލާގައި ރަޝިޔާއާއި ޗައިނާއިންވަނީ ޠާލިބާނުންނާއި މިޔަންމާގެ އަސްކަރީވެރިންނާ ގުޅުންބަދަހިކޮށްފައެވެ.

ޠާލިބާނުންނާއި މިޔަންމާގެ އަސްކަރީވެރިކަން އދގައި ތަމުޞީލުނުކުރެވޭ ގޮތަށް ނިންމުންވާނީ އެ ދެ ޤައުމުގައި އޮތް ވެރިކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށެވެ.