ޚަބަރު

އަފްޣާނިސްތާނުގެ ފަޤީރުންނަށް އެހީވުމަށް 300 މިލިޔަން ޑޮލަރު ފޯރުކޮށްދެނީ


އަފްޣާނިސްތާނުގެ ފަޤީރުންނަށް އެހީތެރިވުމަށް އަހަރަކު 300 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދޭ މަޝްރޫޢެއް އދން ފަށައިފިއެވެ.

އދގެ އިންސާނީ ތަރައްޤީއާބެހޭ އިދާރާއިން ބުނެފައިވަނީ އެ މަޝްރޫޢުގެ ދަށުން ފައިސާ ލިބޭނީ ފަޤީރު ޢާއިލާތަކާއި ނުކުޅެދޭ މީހުންނަށާއި މުސްކުޅިންނަށެވެ. އަދި އެއީ އަފްޣާނިސްތާނުން ފަޤީރުކަން ނައްތާލުމަށް އެޅޭ ރަނގަޅު ފިޔަވަޅެއްކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އދގެ އިންސާނީ ތަރައްޤީއާބެހޭ އިދާރާއިން ބުނާ ގޮތުގައި ކުރިޔަށް އޮތް 13 މަސަދުވަހު އަފްޣާނިސްތާނުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު އޮތީ ވަރަށް ކަނބޮޑުވާންޖެހޭ ނާޒުކު ފައްތަރެއްގައެވެ. އެހެންކަމުން އެ އިދާރާއިންވަނީ ދުވަހު މަސައްކަތަށް މުސާރަ ދިނުމަށް 100 މިލިޔަން އެމެރިކާ ޑޮލަރާއި ކުދި ވިޔަފާރިތަކަށް ފައިސާދެއްކުމަށް 90 މިލިޔަން އެމެރިކާ ޑޮލަރު ކަނޑައެޅުމަށް މަސައްކަތްކޮށްފައެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނު ޖަމާޢަތުން އައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމަށް ދެމުންދިޔަ އެހީތެރިކަންވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެއާއެކު އިޤްތިޞާދީ އަނދަވަޅަކަށް އަފްޣާނިސްތާނު ވެއްޓި ހަނަފަސްކަމާއި ކޯވިޑް-19ގެ ޢާލަމީ ވަބާގެ ސަބަބުން އަންނަ އަހަރުގެ ތެރޭގައި އެ ޤައުމުގެ 39 މިލިޔަން މީހުންގެ ތެރެއިން %90 އިންސައްތަ މީހުން ފަޤީރުންނަށްވާނެކަމަށްވަނީ ލަފާކޮށްފައެވެ. އަދި އެ ޤައުމުގެ 23 މިލިޔަން މީހުންނަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހޭނެކަމަށްވެސް އދގެ ކާބޯތަކެއްޗާބެހޭ އިދާރާއިންވަނީ ބުނެފައެވެ.