ޚަބަރު

ލަންކާގައި ގޭސްފުޅި ގޮވައި މައްސަލަ ތަޙްޤީޤުކުރަނީ


ސުރީ ލަންކާގައި އާދަޔާޚިލާފަށް ގިނައިން ކައްކާ ގޭސްފުޅި ގޮވައި މައްސަލަ ތަޙްޤީޤުކުރުމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ޢަމުރުކުރައްވައިފިއެވެ.

އެއް ދުވަހުގެ ތެރޭގައި ސުރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި 14 ގޭސްފުޅި ގޮވުމުން އެ މައްސަލަ ތަޙްޤީޤުކުރުމަށް ގޮތަބަޔާވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފައެވެ. އަށް މެންބަރުންގެ ކޮމިޓީއަށް ގޮތަބަޔާ ޢަމުރުކުރައްވާފައިވަނީ ދެ ހަފުތާގެ ތެރޭގައި އެ މައްސަލަ ތަޙްޤީޤުކޮށް އޭނާއަށް ރިޕޯޓެއް ހުށަހެޅުމަށެވެ.

ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ވިޔަފާރިތަކުން ޢާއްމުން ރައްކާތެރިކޮށްދޭ ވުޒާރާގެ އެންމެ އިސްވެރިޔާ ލަސަންތާ އަލަގިޔަވަންނަ ވިދާޅުވީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ދުވާލެއްގެ މައްޗަށް 10 ގޭސްފުޅި ގޮވައިކަމަށެވެ. އަދި އެ ކަމުގެ ބިރުވެެރިކަން އެ ޤައުމުގެ އާބާދީ %40 އިންސައްތަ ނުވަތަ 5.1 މިލިޔަން މީހުންނަށް އެބައޮތްކަމަށާއި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ޢާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ނޮވެންބަރު މަހުގެ 20ވަނަ ދުވަހު ސުރީ ލަންކާގެ ވެރިރަށް ކޮލޮންބޯގައި ހުންނަ މެކްޑޮނަލްޑްސް ރެސްޓޯރެންޓެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާން ރޯވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ، އޭގެ ފަހުންވެސް އެ ޤައުމުގެ އެކި ސަރަޙައްދުގައި އެފަދަ ނުރައްކާތެރި ޙާދިޘާތައްވަނީ ހިނގައިފައެވެ. އެއާއެކު އެ ޤައުމުގެ ބައެއް ގޭގޭގެ ގޯތިތެރޭގައި ގޭސްފުޅި ބަހައްޓައިގެން ކައްކަންވަނީ ފަށައިފައެވެ.

ސުރީ ލަންކާގެ ބާޒާރަށް އެންމެ ގިނައިން ގޭސްފުޅި ފޯރުކޮށްދެނީ އެ ޤައުމުގެ ސަރުކާރުން ހިންގައި ލިޓުރޯ ގޭސް ކުންފުނިންނެވެ. އެ އެ ގޮތުން ސުރީ ލަންކާގައި ބޭނުންކުރާ %80 ގޭސްފުޅި ފޯރުކޮށްދެނީ އެ ކުންފުނިންނެވެ. އެ ގޭސްފުޅިތައް ގޮވައި މައްސަލައާ ގުޅިގެން ލިޓުރޯއިން ބުނެފައިވަނީ އެއީ އެ ކުންފުނިން ގެނައި ބަދަލެއްގެ ސަބަބުންވާ ކަމެއް ނޫންކަމަށެވެ. އަދި ގޭސްފުޅިތައް ގޮވަނީ ގިނަދުވަސްވެ ހަލާކުވެފައިވާ ރެގިޔުލޭޓަރާއި އުނދުނުގެ ސަބަބުންކަމަށް ބެލެވޭކަމަށެވެ.