ކުޅިވަރު

ވިސާ ނުލިބޭތީ ރަންގްނިކަށް މަސައްކަތް ފެށުމަށް އިތުރު ލަސްތަކެއްް


ކޯޗު ރާލްފް ރަންގްނިކަށް އިނގިރޭސި ވޯކް ވިސާ ނުލިބޭތީ ޔުނައިޓެޑާ އެކު މަސައްކަތް ފެށުން އިތުރަށް ލަސްވެއްޖެއެވެ.

ކުރީގެ ކޯޗު ޝޮލްޝަޔާ މަގާމުން ވަކިކުރުމަށްފަހު ވަގުތީ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޖަރުމަންގެ ރާލްފް ރަންގްނިކެވެ. ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯގެ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު މިދިޔަ ހޯމަދުވަހު އިންގްލެންޑަށް ގޮސް އޭނާ ފުރަތަމަ ޖެހުނީ ކަރަންޓީންގައި މަޑު ކުރާށެވެ. ކޮވިޑް ޓެސްޓުގެ ނަތީޖާއަށްފަހު ކަރަންޓީނުން ސަލާމަތް ވިޔަސް އަދި ވެސް އޭނާ އިތުރު އިންތިޒާރެއް ކުރަންޖެހޭނެއެވެ. ސަބަބަކީ އަދިވެސް އޭނާގެ ވިސާގެ ކަންތައްތައް ހަމަނުޖެހޭތީއެވެ. އެހެންކަމުން އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާރޭ އާސެނަލްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި އޭނާއަށް ބެންޗުގައި ނުހުރެވޭނެއެވެ. މި މެޗުގައިވެސް ޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު މައިކަލް ކެރިކެވެ.

ރަންގްނިކް ޔުނައިޓެޑާއެކު މި ސީޒަން ނިމެންދެން ޔުނައިޓެޑް ކޯޗެއްގެ ގޮތުގައް މަސައްކަތް ކުރާނެއެވެ. އެއަށްފަހު އޭނާ ހުންނާނީ ޔުނައިޓެޑްގެ ފުޓްބޯލް އެޑްވައިޒަރުގެ ގޮތުގައެވެ. އަދި އަންނަ ސީޒަނަށް ޔުނައިޓެޑަށް ކޯޗަކު ހަމަޖައްސާނީ ވެސް އޭނާގެ ލަފާގެ މަތިންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.